ކުއީން އެލިޒަބެތް ކޮމަންވެލްތު ސްކޮލަރޝިޕް (ކިއު.އީ.އެސް)ގެ ދަށުން މާސްޓަރސް ޑިގްރީ ހާސިލްކުރުމަށް 12 ފުރުޞަތު ހުޅުވާލެވިފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އިން ބުނެފި އެވެ.

ހަޔަރ އެޑިޔުކޭޝަން އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2021 އިން 2022 ވަނަ އަހަރަށް ކުއީން އެލިޒަބެތް ކޮމަންވެލްތު ސްކޮލަރޝިޕް (ކިއު.އީ.އެސް)ގެ ދަށުން ކޮމަންވެލްތުގެ 9 ޤައުމެއްގައި މާސްޓަރސް ޑިގްރީ ހާސިލްކުރުމަށް 12 ފުރުޞަތު މެމްބަރު ޤައުމުތަކަށް ހުޅުވާލާފައިވާކަމަށެވެ.

Ad
rt

މި ސްކޮލަރޝިޕްތަކާއި ބެހޭ އިތުރު މަޢުލޫމާތު އޭސީޔޫ ގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށާއި މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ 18 ޖަނަވަރީ 2021 ގައިކަމަށް ހަޔަރ އެޑިޔުކޭޝަން އިން ބުނެފައިވެއެވެ.

ހަޔަރ އެޑިޔުކޭޝަން އިން ބުނެފައިވަނީ މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދޭކަމަށެވެ.

ކޯސް ހިންގާ އިންސްޓިޓިއުޓްތައް ހިމެނޭ 9 ޤައުމަކީ ބަންގުލަދޭސް، އީސުވާޓިނީ، ގާނާ، އިންޑިޔާ، ކެންޔާ، މެލޭސިޔާ، މޮރިޝިޔަސް، ޕާކިސްތާން ރުވަންޑާ އަދި ތަންޒޭނިޔާ އެވެ.