ހދ. ކުޅުދުއްފުށީގައި ތަރައްގީކޮށްފައިވާ އެއާޕޯޓުު ދަމަހައްޓައި ނެގެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ޖަމްޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށި އެއާޕޯޓުގެ މުސްތަގްބަލު އުޖާލާކަމުގައި ދެކޭ ކަމަށާއި އެ އެއާޕޯޓަކީ ބޮޑު ރައުސުލްމާލެއް ކަމަށެވެ.
ކުޅުދުއްފުށި އެއާޕޯޓާ ބެހޭގޮތުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ގިނަ ބަޔަކު ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ. ނަޝީދު ވިދާޅުވީ ކުޅުދުއްފުށި އެއާޕޯޓު އެޅުމަކީ ”މޮޔަ ކަމެއް“ ކަމަށާއި އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ ހަގީގީ ތަރައްގީ ހޯދަން ކަމަށެވެ.
ނަޝީދުގެ މި ވާހަކަ ދިފާއުކޮށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވަނީ ޓްވީޓު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ނަޝީދުގެ ވާހަކަ ރަނގަޅު ކަމަށާއި ކުޅިއަށް ލިބުނު ގެއްލުން ކިރިޔާ ވެސް ފޫބެއްދެން އޮތީ ކުޅުދުއްފުށި އެއާޕޯޓުގެ ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބިގެން ކަމަށެވެ. އަދި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުން ކޮށްދެއްވާނެ ކަމަށް ޔާސިރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!