"ކުއަންޓަމް" ފިހާރައިން ހދ. ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ވެޓެރަންސް ފުޓްސަލް ކަޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދޮށީ އުމުރުގެ ފަރާތްތަކަށް ޚާއްޞަ ކޮށްގެން ބާއްވަމުން އަންނަ މި މުބާރާތް، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އިތުރު ބޮޑު ބަދަލަކާއެކުކަމަށް ކުއަންޓަމް އިން ހާމަކޮށްފައިވެއެވެ. އެގޮތުން މުބާރާތް ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. މި ދެ ކެޓަގަރީއަކީ 40 އަހަރު ދަށް އަދި 40 އަހަރުން މަތީގެ ކެޓަގަރީއެވެ.

Ad
rt

ކުއަންޓަމް އިން ހާމަކޮށްފައިވާ ގޮތުގައި 40 އަހަރުން ދަށުގެ ކެޓަގަރީގައި ބައިވެރިވެވޭނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހަށް 35 އަހަރު ފުރި، 40 އަހަރު ނުފުރޭ ފަރާތްތަކަށެވެ. 40 އަހަރުން މަތީގެ ކެޓަގަރީގައި ބައިވެރިވެވޭނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހަށް 40 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު މި މުބާރާތް ފެށުމަށް ނިންމާފައިވާއިރު ބައިވެރިވުމުގެ ސުންގަޑިއަކީ މި ފެށުނު ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 22:00 އެވެ. ނަންނޯޓު ކުރުން ކުރިއަށް ދަނީ ކުއަންޓަމް ފިހާރައިގައެވެ.

މި ފިހާރައަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ އުފެއްދުންތައް އަދި އިންސްޓޯލްމަންޓަށް ބައެއް މުދާ ދޫކުރުމުގެ ފިޔަފާރި ކުރާ ފިހާރައެކެވެ.