ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން "ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ނަމުގައި ކުރިއަށްދާ ވޮލީބޯޅަ މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލަށް ޓީމް އުންމީދާއި ވައިކާންޓްވީ އަދި ފިރިހެން ކެޓަގަރީގެ ފައިނަލަށް ޓީމް ލެޖެންޑްސްއާއި ޓީމް ބްލޮކް ދަތުރު ކޮށްފިއެވެ.
25 ނޮވެމްބަރ 2020 ވީ ބުދަ ދުވަހު މި މުބާރާތުގެ ސެމީފައިނަލު މެޗުތައް ކުޅެ ނިމިފައިވާއިރު، މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ ފައިނަލަށް ޓީމް ލެޖެންޑްސް ދަތުރު ކޮށްފައިވަނީ ޓީމް ބުނެލާނެ ގެ މައްޗަށް، ތިންސެޓް އެއްސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ލެޖެންޑްސްގެ ޖޯޒީ ނަމްބަރު 16 ޞާދިޤް މޫސާއެވެ.
ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފައިވާ ޓީމް ބްލޮކް ފައިނަލަށް ދަތުރު ކޮށްފައިވަނީ ސެމީފައިނަލުގައި ޓީމް ރޫޙާއި ބައްދަލުކޮށް ވާދަވެރި ކުޅުމަކަށް ފަހު ތިންސެޓް ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ބްލޮކްގެ ޖޯޒީ ނަމްބަރު 18 އަޙްމަދު މޫސާއެވެ.
މި މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލްގެ ފުރަތަމަ ޖާގަ ޓީމް އުންމީދު ކަށަވަރު ކޮށްފައިވަނީ ސެމީ ފައިނަލް މެޗުގައި ޓީމް ސްޕައިކާރސް އާއި ވާދަކޮށް ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު ތިންސެޓް ދެ ސެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އުންމީދުގެ ޖޯޒީ ނަމްބަރު 9 އައިޝަތު އާދަމެވެ.
އަންހެން ކެޓަގަރީގެ ފައިނަލުގެ ދެވަނަ ޖާގަ ޓީމް ވައިކާންޓްވީ ކަށަވަރު ކޮށްފައިވަނީ ސެމީ ފައިނަލް މެޗުގައި ޓީމް ހިތްވަރާއި ވާދަކޮށް ސީދާ ތިންސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ވައިކާންޓްވީ ގެ ޖޯޒީ ނަމްބަރު 14 ރީޝާއެވެ.
މި މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލުގެ މެޗުތައް 27 ނޮވެމްބަރ 2020 ވާ ހުކުރު ދުވަހު ދުވަހު ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފައިނަލުގައި ބައްދަލު ކުރާނީ ޓީމް އުންމީދު އަދި ޓީމް ވައިކާންޓްވީއެވެ.
ފިރިހެން ކެޓަގަރީގެ ފައިނަލު މެޗު ހުކުރު ދުވަހު ގެ ރޭ 20:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލު ކުރާނީ ޓީމް ލެޖެންޑްސް އަދި ޓީމް ބްލޮކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!