ކޯވިޑް-19 ސަބަބުން ބަންދުކުރި ހއ. ކެލާގެ ގެސްޓް ހައުސްތައް އަލުން ފަތުރުވެރިކަމަށް ހުޅުވާލުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ކެލާ ކައުންސިލުން ބުނެފިއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް އަލުން ހުޅުވާލަން ސަރުކާރުން ހުއްދަދޭން ފެށީ ހުސްވި އޮކްޓޯބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.

Ad
rt

ކޯވިޑާއި ގުޅިގެން މިއަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓު ހައުސްތައް އަލުން ހުޅުވާލިއިރު، ގެސްޓް ހައުސްތައް ހުޅުވުމަށް ރަށްރަށަށް ހުއްދަ ދިނުމަށް ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން ނިންމާފައިވަނީ، ރަށު ފެންވަރުގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއްނެތްކަމަށް އެ ވުޒާރާއަށް އެކަމަށް އެދޭ ރަށެއްގެ ކައުންސިލުން އެންގުމުންނެވެ.

ހއ. ކެލާގައި 5 ގެސްޓު ހައުސްއެއް ހިންގަމުން އަންނައިރު، ކެލާގެ ގެސްޓް ހައުސްތައް ހުޅުވާލުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން ''ތިލަދުން'' އަށް ވިދާޅުވިއެވެ.

''އަޅުގަނޑުމެން އެކަމުގައި ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާވެސް ކޮށްފިން، ނަމަވެސް ރައްޔިތުންގެ މެދުގައި އަދި ކަންބޮޑުވުން ހުރުމުން ލަސްވެގެން ދިޔައީ، އުންމީދު ކުރަން ވީހާވެސް އަވަހަކަށް ހުޅުވާލެވޭނެ ކަމަށް، ޖެނުއަރީ ހިސާބުގައި ހުޅުވާލެވޭތޯ މިދަނީ މަސައްކަތް ކުރަމުން''

ގުފްރާން ވިދާޅުވިއެވެ.

ކެލާގެ ގެސްޓް ހައުސްތައް ހުޅުވާލުމަށް މަޝްވަރާތައް ކުރަމުންދާއިރު، ސަރުކާރުން މިހާރު ވަނީ ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން މިހިނގާ ނޮވެމްބަރު 15 ވަނަ ދުވަހު ބީލަމަށް ހުޅުވާލާފަ އެވެ.

ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހުޅުވާލާފައި ވަނީ، އެ ސަރަޙައްދުގެ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި އެވެ.

ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ޓޫރިޒަމް މިނިސްޓްރީއިން ހުޅުވާލިއިރު، ކެލާ ތުނޑީގައި ތަރައްޤީކުރާ ރިސޯޓުގެ އިތުރުން ރަށުގެ ޓޫރިޒަމް ޒޯނުން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ 12 ބިމާއި، 10000 އަކަފޫޓުގެ 2 ބިން ދޫކުރުމަށް ޕްލޭން ކޮށްފައި ވާކަމަށް ކެލާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވިދާޅުވެފައެވެ.

ކެލާއަށް ވަނީ، މޯލްޑިވްސް ޓްރެވަލް އެވޯޑް 2017 ގެ ގެސްޓް ހައުސް އެޑިޝަންގެ "ލީޑިންގ ބީޗް އައިލަންޑް އެވޯޑު" ލިބިފައެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ ގެސްޓު ހައުސްތަށް އަލުން ހުޅުވާލާއިރު، ޢަމަލުކުރަންޖެހޭ ޢުސޫލު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވަނީ ޢާއްމުކޮށްފައެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު ޓޫރިޒަމް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ ގޮތުން ރަށެއްގައި ގެސްޓްހައުސް ވިޔަފާރިއަށް ހުޅުވާލެވޭނީ އެރަށެއްގެ އާންމުންގެ ހިޔާލު ހޯދައިގެން، ކައުންސިލުން އެކަމަށް އެއްބަސްވުމުންނެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް 110 ގެސްޓުހައުސްއެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ.