ތެލުލި މަހަކީ އާންމު ކެއުމުގެ ބާވަތެއް ނަމަވެސް، ވަރުދާ ކިޔައިދޭ ގޮތަށް ތައްޔާރު ކޮށްލުމުން ރަހައަށް އިތުރު މީރުކަމެއް އަންނާނެ ކަމާމެދު މިހާރު ސުވާލު އުފަށްދާކަށް ނުޖެހޭނެއެވެ.

ވަރުދާ ކިޔައިދޭ ގޮތަށް، ވަރުދޭ ބުނެދޭ ރަހަތަކުން މީގެ ކުރީން ކާނާ ތައްޔާރުކުރެއްވި ކޮންމެ ބޭފުޅަކަށް ވެސް މިހެން ދަންނަވަން ޖެހުނު ސަބަބު އޮންނާނީ އެނގިފައި ވަޑައިގެންފައިކަން ގައިމެވެ.

Ad
rt

އެނގިވަޑައި ގަންނަވާނެ ފަދައިން އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު އެބާވަތްތައް ތައްޔާރު ކުރާގޮތް ވަރުދާގެ ކިޔައިދޭ ގޮތަށެވެ.

މިހަފުތާގައި ވަރުދާ މި ކިޔައިދެނީ ''ތެލުލި މަސް'' ތައްޔާރު ކުރާނެ ގޮތެވެ. ކިޔައިލަމާ ހިންގަވާށެވެ.

ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި

  • 2 ގަނޑު ރޯމަސް
  • 2 ފިޔާ
  • 6 ލޮނުމެދު
  • 1 ކާށީގެ ބޯކިރު
  • 3 ރާނބާފަތްކޮޅު
  • 3 މޭޒުމަތީ ސަމުސާ މުގުރި މިރުސް
  • 1/2 1 މޭޒުމަތީ ސަމުސާ މުގުރި ދިރި
  • 1/2 1 މޭޒުމަތީ ސަމުސާ އަސޭމިރުސް
  • ހިކަނދިފަތް ކޮޅެއް، ތެޔޮ އަދި ލޮނު

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ 3 ލޮނުމެދާއި 1 ފިޔާ ބޮޑެތިކޮށް ކޮށާލާށެވެ. އޭގެތެރެއަށް ހިކަނދިފަތްކޮޅަކާއި، ދިރި އާއި، މުގުރި މިރުހާއި، އަސޭމިރުހާއި، ލޮނު އަދި ފެންފޮދެއް އަޅައި މިކްސަރުން ފުނޑާލާށެވެ. ދެން މަސްކޮޅު 2 އިންޗި ހުންނަވަރަށް ބުރިކޮށްލުމަށްފަހު، ކަނޑު ކުކުޅު ހަދަން މަސްތައް ކަފާހެން ކަފާލާށެވެ.

މަސްތައް ދޮވެލުމަށްފަހު ތައްޓަކަށް އަޅައި، 1 މޭޒުމަތީ ސަމުސާ ތެލާއެކު ފުނޑާފައި ހުރި މިރުސްގަނޑު އަޅާ އެއްކޮށްލުމަށްފަހު 1 ގަޑިއިރު ވަންދެން ބަހައްޓާށެވެ. ދެން ބާކީ އޮތް ފިޔާ އާއި ލޮނުމެދުކޮޅު ކޮށާލުމަށްފަހު،
ރާނބާފަތް ކޮޅާއި ހިކަނދިފަތް ކޮޅު އަޅައި ތެޔޮކޮޅެއްގެ ތެރޭގައި މީރުކޮށްލާށެވެ. ފިޔާކޮޅު ރަނގަޅަށް ރަތްވުމުން، ތައްޔާރުކޮށްފައި ހުރި މަސްކޮޅު އަޅައި، މަސްކޮޅު ރޯފިލަންދެން މަޑުގިނީގައި ކައްކާލާށެވެ.

ފުލުގައި ނުހިފާނެހެން ދޭތެރެއަކުން ހަލާލާށެވެ. މަސްކޮޅުން ނިކުންނަ ފެންފޮދު ހިނދުމުން ބޯކިރު ފޮދު އަޅާ ލޮނުރަހަ ހެޔޮވަރުކޮށްލާށެވެ. އެހާ ދިޔާ ނުކޮށް އޮލަކޮށް ބަހަށްޓާށެވެ. މިހާރު ތިހިރީ ''ތެލުލި މަސް'' ތައްޔާރު ކޮށްލެވިފައި އެވެ.