ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން މާލެ އަދި ހުޅުމާލޭގައި ބޭއްތިއްބުމަށް އެކަމަޑޭޝަން ކުއްޔަށް ހިފުމަށް ބޭނުން ވެގެން ހެލްތު މިނިސްޓްރީއިން ޢިއުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން އެކަމަށް މިއަދު ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ބައިތިއްބާ މީހުންނަށް އެކޮމޮޑޭޝަން ކުއްޔަށް ހިފަން ބޭނުންވާ ކަމަށެވެ.
މިގޮތުން ކުއްޔަށް ހިފަން ބޭނުންވާ ފެސިލިޓީ ތަކުގެ ރޫމަކަށް ދުވާލަކަށް ކަނޑައަޅާނެ ފައިސާގެ ރޭޓުތައް ވެސް އެ އިއުލާނާއެކު ހިމަނާފައި ވެއެވެ.
ދުވާލަކަށް ކަނޑައަޅާފައިވާ ރޭޓް
- ސިންގަލް ރޫމް: (ލޯންޑްރީ އާއެކު): 630 ރުފިޔާ
- ރޫމް އެކަނި: (ހަމަ އެކަނި މީހުންތިބޭ ގޮތަށް): 500 ރުފިޔާ
- ފުލްބޯޑް: 750 ރުފިޔާ
- ފުލްބޯޑް ޝެއަރިން: 900 ރުފިޔާ
- ހުސްކޮށް ހުންނަ ރޫމުތަކަށް: 250 ރުފިޔާ
މިކަމަށް ޝައުގުވެރިވާ ފަރާތްތައް މިއަދުން ފެށިގެން މިމަހު 21 ވަނަ ދުވަހުގެ 14:00ގެ ކުރިން ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް އީމެއިލް ކުރުމަށް އެ ޢިއުލާން ގައި ބުނެފައިވެއެވެ. އަދި އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގައި ދަރުބާރުގޭގައި ކަމަށް ވެސް އެ ޢިއުލާން ގައި ވެއެވެ.
ހެލްތުން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން މާލެ އަދި ހުޅުމާލޭގައި ބޭއްތިއްބުމަށް އެކަމަޑޭޝަން ކުއްޔަށް ހިފާއިރު، އެކަމާއި ގުޅިގެން ހާމަކޮށްފައިވާ އިތުރު މަޢުލޫމާތުގައި ބުނީ ތިން އިރުގެ ކެއުމަށް ގެސްޓްހައުސް އިން ކަނޑައަޅާ އަދަދާއި އެ ދުވަހެއްގައި ކާންދެވުނު މީހުންގެ އަދަދު އެނގޭނެގޮތަށް ކޮންމެ ދުވަހަކު ރިޕޯޓެއް ހަދައި ހަވާލުވެހުރި ސުޕަވައިޒަރެއްގެ ސޮއިއާއެކު ބިލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީގެ އިތުތުން ގެސްޓްހައުސް ނެގުމަށް ފަހު، އޯނަރު ނުވަތަ މެނޭޖުމަންޓުން ބޭނުން ވެގެން އިތުރު މީހުން ވެއްދުން މަނާވާނެ ކަމަށާއި، އަދި ކޯވިޑް މެޑިކަލްޓީމުން ތަން ބެލުމަށްފަހު ތަނަށް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި ތަނަށް ގެއްލުން ނުވާގޮތަށް އެބަދަލު ގެނައުމަށް އެއްބަސްވާން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ކޯވިޑަށް ޕޮޒިޓިވްވާ މީހުން މީގެ ކުރިން ގެންދަމުން ދިޔައީ ބައެއް ރިސޯޓުތަކަށެވެ. ރިސޯޓްތަކުގެ ކަރަންޓީންގައި ބައިތިއްބާ ކޮންމެ މީހަކަށް ދުވާލަކު 750ރ. ސަރުކާރުން ހަރަދު ކުރެ އެވެ. މި ގޮތަށް ރިސޯޓުތައް ހަމަޖައްސާއިރު ބައެއް ރިސޯޓުތަކަށް އެއާ ޓެކްސީގައި މީހުން އުފުލަން ޖެހުމުންނާއި، ލޯންޗް ފަހަރު ކުއްޔަށް ނަގައިގެން މީހުން އުފުލަން ޖެހުމުން ދައުލަތުން އެކަމަށް ވަނީ ބޮޑު ޚަރަދެއް ކުރަން ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!