ހއ.ދިއްދޫ އިޖްތިމާއީ މަރުކަޒާއި، ނެކްސްޓް ބައި ފިހާރަ ގުޅިގެން "ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020" ނަމުގައި ކުރިއަށް ގެންދާ ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.
މި މުބާރާތް 05 އޮކްޓޯބަރ 2020 ވީ ހޯމަ ދުވަހު ދިއްދޫ ޔޫތު ސެންޓަރ ވޮލީ ކޯޓުގައި ފަށާފައިވާއިރު މުބާރާތުގެ ފުރަތަމަ ދުވަހު ވަނީ ދެ މެޗު ކުޅެފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ނާޑް ސްޕޯޓްސް ކުލަބާއި ފްލެޓް ސިޓީއެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ ނާޑް ސްޕޯޓްސް ކުލަބެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނާޑް ސްޕޯޓްސްގެ ޖޯޒީ ނަމްބަރު 5، އަލީ ހުސެއިންއެވެ.
ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ބްލެކް ޒީނޯއާއި ޓީމް ނެކްސްޓް ބައިއެވެ. މި މެޗު ސީދާ ތިން ސްޓުން ކާމިޔާބު ކޮށްފައިވަނީ ބްލެކް ޒީނޯއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މުބާރާތުގައި ބްލެކް ޒީނޯއަށް ކުޅެމުން އަންނަ ރާއްޖޭގެ ޤައުމީ ވޮލީ ޓީމުގެ ކެޕްޓަން ހުޒާމް އަލީއެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމު ވާދަކުރާއިރު، މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ސެމީ ފައިނަލްގެ 3 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޕޮއިންޓް ތާވަލްގެ އެއްވަނަ ހޯދާ ޓީމާއި ދެވަނަ ހޯދާޓީމެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ވެގެންދާނެއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޕޮއިންޓް ތާވަލުގެ ތިންވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. ސެމީގެ ތިންވަނަ މެޗުގައި ބައްދަލު ކުރަންޖެހޭނީ ސެމީފައިނަލްގެ ފުރަތަމަ މެޗުން ބަލިވި ޓީމާއި ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުވެގެން ދާނެއެވެ.
ކުޅުދުއްފުށިން ޕޮލިހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެނެ ރޭގެ ވަގުތެއްގައި ދިއްދޫ ވެސް ވަނީ މޮނީޓަރިންނަށް ލާފަ އެވެ. މޮނިޓަރިންނަށް ލުމާއި ގުޅިގެން މުބާރާތް މިޔަދު މެދުކަނޑާލާފައި އޮތުމަށް ފަހު މިއަދުގެ ހަވީރުގެ ވަގުތުގައި ދިއްދޫ މޮނިޓަރިންގެ ހާލަތުން ނެގުމާއި ގުޅިގެން މުބާރާތުގެ ކުޅުން އަލުންވަނީ ފަށާފައެވެ.
ދިއްދޫ ނެކްސްޓް ބައިއަކީ އެ ރަށުގައި ފުޅާ ދާއިރާއެއްގައި ތަރުކާރީއާއި މޭވާގެ ވިޔަފާރި ކުރަމުން އަންނަ ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!