އަވަށްޓެރި އިންޑިއާއިން ކޯވިޑް-19 ބަލީގައި މަރުވި މީހުންގެ ލައްކަ އަކަށްވުރެ މަތިވެއްޖެއެވެ.

މިގޮތުން މިހާތަނަށް އެ ޤައުމުން ކޯވިޑް ބަލީގައި ވަނީ 101،211 މީހުން މަރުވެފައެވެ. އަދި މިއަދު މިހާތަނަށް 336 މީހުންވަނީ މަރުވެފައެވެ.

Ad
rt

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއަކީ ދުނިޔޭގައި އެންމެ ތޮއްޖެހުންބޮޑު ސިޓީތައްވެސް ހިމެނޭ ގައުމެވެ. މިކަމާހެދި، ކޯވިޑްބަލީގެ ހާލަތު އިންޑިއާގައި ވަރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ކުރިންވެސް އޮތީ ލަފާކުރެވިފައެވެ. އެ ޤައުމުގެ ހުރިހާ ހިސާބަކަށް ވެސް މިހާރު އެބަލި ވަނީ ފެތުރިފައެވެ.

މީގެ އިތުރުން އިންޑިއާއިން ކޯވިޑާއި ގުޅިގެން ލިބޭ ހިސާބުތަކަކީ އެންމެ ސީދާ ހިސާބުތައް ކަމަށް ދިރާސާކުރާ ބައެއް ފަރާތްތަކުން ނުދެކެއެވެ. އެ ޤައުމުގެ އަވަށް ތަކުގެ ހާލަތު ހުރިގޮތުން އެ ޤައުމުގެ ކޯވިޑް ހާލަތު އޮންނާނީ މިހާރު ލިބޭ ހިސާބުތަކަށްވުރެ އެއްގުނަ އިތުރުވާ މިންވަރަށް ކަމަށް އެ ފަރާތްތަކުން ލަފާ ކުރެއެވެ.

މިހާތަނަށް އިންޑިއާއިން ވަނީ 6,509,916 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އެ ޤައުމުން މިހާތަނަށް 5,466,344 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޯވިޑް ބަލި މިހާތަނަށް ދުނިޔޭގެ 34,954,131 މީހުންނަށް ޖެހިފައިވާއިރު އެބަލިން 25,983,845 މީހުން ވަނީ ރަނގަޅު ވެފައެވެ. މަރުވި މީހުންގެ ޢަދަދު ވަނީ 1,034,911 އަށް އަރައިފައެވެ.