ހދ. ގެ ޕޮލިސް ކޮމާންޑަރަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖައްސަވައިފިއެވެ.

މި މަގާމަށް ހަމަޖައްސަވާފައިވަނީ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އައިޝަތު ނިޝާ އަބުދުﷲ މުފީދެވެ.

Ad
rt

އާއިޝަތު ނިޝާ ކުރިން މަސައްކަތް ކުރެއްވީ ސްޕެސިއަލް އޮޕަރޭޝަން ޑިޕާޓްމަންޓް (އެސްއޯ) އާއި ސްޓްރެޓީޖިކް ޕްލޭނިންގ ޑިޕާޓްމަންޓްގެ އިތުރުން ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައްކަތްކުރަމުންގެންދާ ޕޮލިސް އެކަޑަމީގައެވެ.

މި މަގާމަށް ނިޝާ ހަމަޖެއްސެވުމާ ގުޅިގެން ފުލުހުން ވަނީ މަރުޚަބާ ދަންނަވާފައެވެ. އެގޮތުން ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ނިޝާއަކީ މި އަހަރު ކުރީކޮޅުގައި ބޭއްވުނު ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ އެންމެ މޮޅު ބައިވެރިޔާކަމަށެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގައި ކޮމާންޑަރުންގެ ގޮތުގައި އަންހެނުން ތިއްބަވަނީ ވަރަށް މަދުންނެވެ. ނިޝާ މަގާމާއި ހަވާލުވުމަށްފަހު ހދ އަތޮޅުގެ ރަށްރަށުގެ ކައުންސިލް ތަކާއި ބައްދަލުކުރައްވަން ވަނީ ފައްޓަވާފަ އެވެ.

ހދ އަތޮޅު ޑިވިޜަން ކޮމާންޑަރުގެ ގޮތުގައި މީގެކުރިން ފުރުއްވީ އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖުނީ ޝުއައިބެވެ.