ސަރުކާރުގެ މައި ކަރަންޓް ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން އުފައްދާ ބައި ޕްރޮޑަކްޓެއް ކަމަށްވާ "ސްޓެލްކޯ ފެން" ބާޒާރުގައި ޑިސްޓްރިބިއުޓް ކުރަން ޝައުގުވެރިވާ ފަރާތްތައް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްޓެލްކޯއިން ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފެން ޑިސްޓްރިބިއުޓު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް އެ ކުންފުނީގެ މައި އިދާރާއަށް ގޮސް މައުލޫމާތު ސާފުކޮށް މި މަހުގެ 27 ގައި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

Ad
rt

އަދި އެ މައުލޫމާތު ތަކުގެ އިތުރުން ވިޔަފާރީގައި ބޭނުން ކުރާނެ މައިގަނޑު ވަސީލަތްތަކާއި އަދި ޑިސްޓްރިބިއުޓް ކުރަން ރާވާފައިވާ ގޮތާއި، މައިގަނޑު ކަސްޓަމަރުންނަކީ ކޮބައި ކަމާއި، ކުރިއަށް އޮތް ހަ މަސް ދުވަހަށް ލަފާ ކުރާ ސޭލްސް ހިމަނައި ޑިސްޓްރިބިއުޓަރުކަން ކުރުމުގެ ޤާބިލްކަން ހުރި މިންވަރު ޕްރޮޕޯސަލްގައި ހިމަނަން ވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ސްޓެލްކޯ އިން ބަންދުކުރާ ފެނުގެ ތެރެއިން 330 އެމްއެލްގެ 24 ފުޅީގެ ކޭހެއް ވިއްކާނީ 50.40ރ. އަށެވެ. އަދި 500 އެމްއެލްގެ 24 ފުޅީގެ ކޭހެއް 52.80ރ އަށް އެއް ލީޓަރުގެ 12 ފުޅީގެ ކޭހެއް 38.40ރ. އަށް ވިއްކުމަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން 1.5 ލީޓަރުގެ 12 ފުޅީގެ ކޭހެއް 52.80ރ. އަށް ވިއްކާއިރު ފަސް ލީޓަރުގެ ހަތަރު ފުޅީގެ ކޭހެއް ވިއްކަން ހަމަޖެހިފައި ވަނީ 48ރ. އަށެވެ.

އިންޖީނުގެ ހޫނުން އުފެދޭ ފެން، ފުޅީގައި ބަންދުކޮށްގެން "ސްޓެލްކޯ ފެނު"ގެ ނަމުގައި ވިއްކަން ފަށާފައިވަނީ އޭޕްރީލް 30، 2017 ގަ އެވެ. އެ ފެނަކީ އާންމު އާރްއޯ ޕްލާންޓުން އުފައްދާ ދޫކުރާ ފެނަށް ވުރެ މަތީ މިންގަނޑެއްގައި އުފައްދާ ސާފު ފެނެކެވެ.