ހދ. ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލަކީ މާލެ ފިޔަވައި އެންމެ ގިނަ މީހުން ހިދުމަތް ހޯދާ ހޮސްޕިޓަލެވެ. އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ އަދި ހދ އަދި ށ ގެ ރަށްތަކުން އެތައް ބަޔަކު ދުވާލެއްހެ މައްޗަށް އެ ހޮސްޕިޓަލަށް ޒިޔާރަތްކޮށް ހިދުމަތް ހޯދަމުންދާއިރު، އެ ހޮސްޕިޓަލުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާކަން ފާހަގަ ކޮށްލެވެއެވެ.

އަތޮޅުތެރޭގެ ސިއްހީ ނިޒާމަކީ މިދިޔަ ސަރުކާރުތަކުގައި ވެސް އެންމެ ބޮޑަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވި ދާއިރާއެވެ. ހާއްސަކޮށް ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލް ފަދަ މުހިންމު ހޮސްޕިޓަލަކަށް ދޭންވާ އަޅާލުން ވަރަށް ކުޑައެވެ. ގިނަ ވައުދުތަކަކާއި އެކު އައި މި ސަރުކާރު އައިތާ ނުވަ ވަރަކަށް މަސް ވެފައިވާއިރު، އަދި މިހާތަނަށް އެ ހޮސްޕިޓަލުގެ ކަންކަން ރަނގަޅުވެދާނެ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. މިކަން ހާމަ ވަނީ ދާދިފަހުން ރާއްޖެ ޓީވީން މައުލޫމާތެއް ސާފުކުރުމަށް އެ ހޮސްޕިޓަލަށް ގުޅުމުން ކަންތައް ވެގެންދިޔަ ގޮތުންނެވެ.

Ad
rt

އަތޮޅު ތެރޭގައި ހުމާއި ބޭރަސް ހިންގުން ފެތުރި އާންމު ވަމުންދާ މި ދުވަސްވަރު، އުތުރުގެ ރަށްތަކުގައި މިކަން ހުރި މިންވަރު އޮޅުން ފިލުވާލުމަށް ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލަށް މައުލޫމާތު ސާފުކޮށްލަން ގުޅާލުމުން އެހެން ފަރަތަކަށް ޕާސް ކޮށްލަނީ ކަމަށް ބުނެ ފޯނު ކަނޑާލައެވެ. ނުވަތަ ކެނޑެއެވެ. މިގޮތަށް ހަތަރު ވަރަކަށް ފަހަރު ގުޅާލުމުން ވެސް ކަންތައް ވެގެން ދިޔައީ ހަމަ މިހެންނެވެ. ފަސް ވަނަ ފަހަރު ގުޅާލުމުން އެ ހޮސްޕިޓަލުން ފޯނު ނެގި ފަރާތުން ވިދާޅުވީ އެކަހަލަ ކަންތައްތަކުގެ މައުލޫމާތު ދެއްވާނީ ޕަބްލިކް ހެލްތު ޔުނިޓުން ކަމަށެވެ. އަދި އެ ޔުނިޓުގެ ނަމްބަރު ވެސް ދެއްވިއެވެ. އެ ނަމްބަރަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއެވެ. މިއީ އާދައިގެ މައުލޫމާތެއް ސާފުކޮށްލަން ގުޅާލުމުން ކަންތައް ވެގެން ދިޔަ ގޮތެވެ.

މި ނޫނަސް އެ ހޮސްޕިޓަލުގެ ގިނަ ކަންކަނަ ވަނީ ބޮއްސުންލައިގެން ގޮސްފައެވެ. މިވަގުތު ހޮސްޕިޓާ ހިންގުމަށް ހަވާލުވެ އެއްވެސް ފަރާތެއް ނެތެވެ. މިވެރިކަން ފެށުނުއިރު ހޮސްޕިޓާ ހިންގުމަށް ހުންނެވީ ޑރ މުހައްމަދު ވަހީދެވެ. އޭނާއަށް އެމަގާމު ހަވާލުކުރެއްވީ ކުރީ ރައީސް ޔާމީންގެ ވެރިޔަކުގައި އެވެ. މެޑިކަލް ޑައިރެކްޓަރެއްގެ މަގާމު ހުންނެވިއިރު ޑރ ވަހީދު ވަނީ ވަގުތީގޮތުން ސީއީއޯގެ މަގާމުވެސް އަދާކުރައްވާފަ އެވެ. އޭނާ ވަނީ ވަޒީފާގެ މުއްދަތު ހަމަކުރައްވައި މިއަހަރުގެ ކުރީ ކޮޅު ވަނީ މާލެ ވަޑައިގަންނަވާފަ އެވެ.

އެއަށްފަހު ހޮސްޕިޓާ ހިންގަމުންގޮސްފައިވަނީ ޒިންމާދާރުވެރިޔާ މުހައްމަދު ހަސަން އެވެ. އޭނާގެ މަގާމަކީ ލެބޯޓަރީ ޓެކްނޮލޮޖިސްޓެކެވެ. މުހައްމަދު ހަސަންއަށް ފަހު ހޮސްޕިޓާ ހިންގުމަށް މިސަރުކާރުން ހަވާލުކޮށްފައިވަނީ ހަދީޖާ އަލީ އަށެވެ. ހަދީޖާ އަލީ އަކީވެސް ލެބޯޓަރީ ޓެކްނޮލޮޖިސްޓެކެވެ. އެކަމަކު އޭނާއަކީ ހިންގުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ކަނބަލެކެވެ. އެކަމަކު މިވަގުތު ހޮސްޕިޓާ ހިންގުމަށް ހަވާލުވެ އެއްވެސް ފަރާތެއް ނެތެވެ. ހަދީޖާ އަލީ މިވަގުތު ހުންނެވީ މިނިސްޓްރީގެ ދަތުރެއްގައި ޗައިނާގައި އެވެ.

ހޮސްޕިޓަލުގެ ހިންގުމަށް ވެރިޔަކު ނެތުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދަނީ ފާހަގަކުރެވެމުންނެވެ. އެގޮތުން ބަލި މީހުންނާ މެދު ބައެއް ޑޮކްޓަރުންނާއި ނަރުހުން އަމަލުކުރަމުންދަނީ ފަރުވާކުޑަކޮށް ކަމަށްބުނެ މިދިޔަ ދުވަސްތަކުގައި ގިނަ ބަޔަކު ޝަކުވާކުރާކަން ވަނީ ފާހަގަކުރެވިފަ އެވެ.