ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރަކު އައްޔަންކުރުމުގެ މައްސަލައިގައި، ދީނީ އިލްމުވެރިން ފާޅުކުރަމުންދާ ޚިޔާލުތަކަށް މަކުނުދޫ ދާއިރާގެ މެމްބަރުން މުހައްމަދު ރާޢީ ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޢީ ވިދާޅުވީ އެބޭފުޅާއަކީ ދީނީ އިލްމު ހާސިލްކޮށްފައި ހުރި މީހެއް ނޫން ކަމަށާއި އެހެންކަމުން އަންހެން ފަނޑިޔާރުން ނެގުމާމެދު މިހާރު ކުރެވެމުންދާ ބަހުސްގައީ ރާއްޖޭގެ ދީނީ ޢީލްމުވެރިންނަށް ކުރަން ޖެހޭ ސުވާލުތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ފުރަތަމަ ސުވާލެއްގެ ގޮތުގައި ރާޢީ ވަނީ ޑރ. އަފްރާޝިމް މަރާލިކަމަށް ތުހުމަތު ކުރެވޭ ހުމާމު މެރުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމާ ގުޅޭގޮތުން ޢިލްމުވެރިންނާ ސުވާލުކޮށްފައެވެ. އަދި ހުމާމުގެ ވާރިސުން ހުކުމް މަޑު ޖައްސާލަން ސުޕްރީމްކޯޓުގައި އެދިފައިވަނިކޮށް ހުކުމް ތަންފީޒުކުރަން އެ ކޯޓުން އަމުރު ނެރުނުއިރު ރާއްޖޭގެ ދީނީ އިލްމުވެރިން މިކަމާ ކޮންބޮޑުވެ އެއްޗެއް ނުބުނީ ކީއްވެތޯ ރާޢީ ސުވާލުކުރިއެވެ.
"މިހާރު ތިބީ އިސްލާމް ދީނާއި ހިލާފުވެފައިތިބި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ތަކެއް. މިކަމާ ދީނީ އިލްމުވެރިންގެ ރައުޔަކީ ކޮބާތޯ؟ އެއްޗެކޭ ނުބުނެ ތިބެނީ ކީއްވެގެންތޯ؟"
2013 ގައި ރިޔާސީ އިންތިހާބު ތިން ހަތަރު ފަހަރު ސުޕްރީމް ކޯޓުން ބާތިލް ކުރަމުން ދިޔަ ދިޔުން އެއީ މުޅި ރާއްޖޭގެ ރައްޔިތުންގެ ހައްޤަށް އަރައިގަތުން ކަމަށާއި މިކަމަށް ދީނީ ޢިލްމުވެރިން އެއްޗެއް ނުބުނީ ކީއްވެތޯ މަކުނުދޫ ދާއިރާގެ މެމްބަރު ރާޢީ ވަނީ ސުވާލު ކޮށްފައެވެ.
ރާއީ ވިދާޅުވީ އިސްލާމް ދީނުގެ ސީދާ ހުކުމަކަށް ހިލާފުވެފައި ތިބި ފަނޑިޔާރުންތަކެއް ސުޕްރީމު ކޯޓުގައި މިހާރު އެބަ ތިބި ކަމަށާއި އަދި އެ ފަނޑިޔާރުން ވަނީ ރައްޔިތުންގެ އެތައް ޙައްޤު ތަކަށް އަރައިގެންފައި ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ދެ އަންހެން ފަނޑިޔާރުން ލާތީ އެކަމާ ދީނީ ޢިލްމުވެރިން މާ ކަންބޮޑުވާކަމަށް ރާޢީ ވިދާޅުވިއެވެ. އަދި އެއަށް ވުރެ ކުށްކޮށްފައި ތިބި ބަޔަކު ފަނޑިޔާރުކަމުގައި ތިބީމާ މާބޮޑަށް ކަންބޮޑުވާން ޖެހޭ ކަމަށްވެސް ރާޢީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އިންސާފު. އަންހެންތޯ އެއް ފިރިހެން ތޯއެއް ނޫން"
ރާއީ ވިދާޅުވިގޮތުގައި ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގެ ރަޢުޔު އެކި ކަންކަމުގައި އެކި ގޮތް ގޮތަށް ނަގާކަމަށް ވިދާޅުވެ ޢިލްމުވެރިންނަށް ފާޑުވިދާޅުވެފައެވެ. އަދި މިވަގުތު ސުޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުން ތިބީ ސައްހަކޮށްތޯ ޢިލްމުވެރިން ގޮތެއް ނިންމަން ޖެހޭކަމަށެވެ.
"ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން ނެގުމުގެ ކުރިން މިބޭފުޅުން މިކަން ޤަބޫލުކޮށްގެން މިއޮއް ހުރިހާ ދުވަހު ތިބީ ކީއްވެގެން ތޯ" ރާޢީ ސުވާލު ކުރިއެވެ.
އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫންކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ވަނީ ކަނޑައަޅުއްވާފައެވެ. އަދި މަޝްހޫރު ދީނީ އިލްމުވެރިން ދަނީ އެ ނިންމެވުން ބަދަލު ކުރުމަށް ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!