ކޯވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭންޖެހޭ އެލަވަންސް އަދިވެސް ދީފައި ނުވާތީ، އެކަން އަވަސް ކުރުމަށް ގޮވާލައި، ނައިފަރު ދާއިރާ މެމްބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ އެޖެންޑާ ކުރެވޭތޯ މަސައްކަތް ކުރަށްވާތާ 3 ދުވަސް ވެއްޖެ ކަމަށް ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭ ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭންޖެހޭ އެލަވަންސް އަދިވެސް ދީފައި ނުވާތީ، އެކަން އަވަސް ކުރުމަށް ގޮވާލައި، އޭނާ މަޖިލިސްއަށް ހުށަހެޅުއް ކުއްލި މައްސަލަ އެޖެންޑާ ކުރެވޭތޯ މަސައްކަތް ކުރަށްވާތާ 3 ދުވަސް ވެއްޖެ ކަމަށެވެ.
މަޖިލިސް ރައީސް މަޖިލިސް ޤަވާޢިދު ހިތު ހުރި ގޮތަކަށް މާނަ ކުރަށްވާތީ، އެ މައްސަލަ އެޖެންޑާ ކުރެވޭ ވަރު އަދިވެސް ނުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރަށްވާ ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައަކީ ކޯވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭންޖެހޭ އެލަވަންސް އަދިވެސް ދީފައި ނުވާތީ، ވީއެންމެ އަވަހަށް އެފަރާތްތަކަށް އެލަވަންސް ދިނުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާފައިވާ ކުއްލި މައްސަލައެކެވެ.
އެ ކުއްލި މައްސަލާގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަ އެލަވަންސް ދޭނެ ކަމަށް މިސަރުކާރުން އިޢުލާން ކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކަށް މި އެލަވަންސް ނުލިބި އެތައް ދުވަހެއް ފާއިތުވެގެން ދިއުމާއި، މެއި މަހުގެ 7 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އެކަން އިޢުލާން ކުރައްވަމުން، އެ އެލަވަންސް ތިން ގިންތިއަކަށް ބަހާލައިގެން އެފަރާތްތަކަށް ދެއްވާނެކަމަށް ވިދާޅުވެފައި ވާކަމަށެވެ.
އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށް އެދުވަހު ފިނޭންސް މިނިސްޓަރު ޢިއުލާން ކުރަށްވާފައި ވާކަމަށެވެ.
" އަދިވެސް މިއެލަވަންސް ލިބިފައި ނުވާތީ، ކޯވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރެއްވި ޑޮކްޓަރުންނާއި، ނަރުހުންނާއި، ޞިއްޙީ އެހީތެރިންނާއި، ފުލުހުންނާއި، ސިފައިންނާއި، އެއަރލައިންތަކުގެ މުވައްޒަފުންނާއި، އަދިވެސް އެހެނިހެން ދާއިރާތަކުންވެސް މިކަމުގައި ޙަރަކާތްތެރިވި ފަރާތްތަކުން ރައްޔިތުންނާއި ޤައުމަށްޓަކައި ފުރާނަ އަތްމައްޗަށް ލައިގެން ވަރަށް ބޮޑު ޤުރުބާނީއެއް ވެފައިވާ ހިނދު، އެފަރާތްތަކަށް ލިބެންޖެހޭ އެލަވަންސް ވީހާވެސް އަވަހަށް ދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ (170) ވަނަ މާއްދާގެ ދަށުން މިކުއްލި މައްސަލަ ހުށައަޅަމެވެ."
ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައިވެއެވެ.
13 ވަނަ ޖުލައި ވަނަ ދުވަހު އޮތް މަޖިލިސް ޖަލްސާއަށް 2 ކުއްލި މައްސަލަ ހުށަހެޅިފައިވާ ކަމަށް މަޖިލިސް ރައީސް ޢިއުލާނު ކުރެއްވުމަށްފަހު، އަނެއް ކުއްލި މައްސަލަ ހުށަހެޅުއްވި ބިލެތްދޫ ދާއިރާގެ މެމްބަރު އަޙްމަދު ހަލީމާއި، ޝިޔާމް މަޝްވަރާ ކުރަށްވައިގެން އެދުވަހު ބަހުސް ކުރިއަށް ގެންދަވާނެ މައްސަލައެއް ޚިޔާރުކޮށްދެއްވަން އެދި ވަޑައިގަތެވެ. ނަމަވެސް އެގޮތަށް އެކަން ނުވުމުން އެ ދުވަހު މައްސަލަތައް ހުށަހެޅުއްވި ދެ މެމްބަރުންގެ މެދުގައި ގުރުއަތެއް ނެންގެވިއެވެ.
އެދުވަހު ގުރުއަތުން ދިމާވީ، ބިލެތްދޫ ދާއިރާގެ މެމްބަރު އަޙްމަދު ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލަ އެދުވަހު އިސްކުރުމަށެވެ. އެ ދުވަހު މަޖިލިސް ރައީސް ވަނީ ޝައްކެއްވެސް ނެތް ގޮތުގައި "މާދަމާ" އަނެއް މައްސަލައަށް ފުރުޞަތު ލިބިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އިއްޔެ ޖަލްސާ ފަށްޓަވަމުން ކާށިދޫ ދާއިރާ މެމްބަރު ޢަބުދު ﷲ ޖާބިރު ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވާތީ، ކުރީ ދުވަހު "ޝައްކެތްވެސް ނެތް ގޮތުގައި މިއަދު ގުރުއަތުން ދިމާނުވާ މައްސަލައަށް މާދަމާ ފުރުޞަތު އެރުވޭނެ ކަމަށް" މަޖިލިސް ރައީސް ވިދާޅު ވެފައިވިޔަސް އިއްޔެވެސް ނިންމެވީ ގުރުއަތަކަށް ވަޑައި ގަންނަވާށެވެ. އިއްޔެ ނެގި ގުރުއަތު ވެސް ޝިޔާމަށް ދިމާނުވުމުން "ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫން" ކަމަށް ވިދާޅުވެ އިއްޔެސް ޝިޔާމަށް އެ މައްސަލަ ކުރިއަށް ގެންދަން ފުރުޞަތު ލިބިވަޑައެއް ނުގަތެވެ.
މިއަދަކީ އެމައްސަލަ ހުށަހެޅުއްވިތާ ތިންވަނަ ޖަލްސާ އޮންނަ ދުވަހަށް ވީނަމަވެސް، މިއަދުގެ ޖަލްސާގެ އެޖެންޑާއިން ޝިޔާމްގެ އެ މައްސަލަ ފެންނާކަށް ނެތެވެ.
#Covid19 Frontline ga masakkaiykuravva faraithakah dhinumah nimmi allowance adhives nudheythy ekan avas kurumah govaala mi kulli massala agenda kureveytho masakkaiy kuraathaa mee 3 vana dhuvas. Majlis Raees qawaaid hithuhuri gothakah maana kuravvaigen agenda kurevey vareh nuvey. pic.twitter.com/OvxJH4IyLr
— Ahmed Shiyam (@Shiyamaldives) July 14, 2020
ކޯވިޑް-19 އާއި ދެކޮޅަށް ފްރޮންޓްލައިން ނުވަތަ ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް ސަރުކާރުން ދޭން ނިންމި އެލަވަންސް މިމަހުގެ މުސާރައާއެކު ދެވޭނެކަމަށް ބެލެވޭ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ރޭ ވަނީ ބުނެފައެވެ.
ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިސްސަފުގައި މަސައްކަތް ކުރާ މީހުންގެ މައުލޫމާތު އެއް ކުރުމުގެ މަރުހަލާ އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި އެކަން ފުރިހަމަވުމުން މިމަހުގެ މުސާރައާއެކު އެލަވަންސް ލިބޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
"މިނިސްޓްރީތަކުން އެބޭފުޅުންގެ މައުލޫމާތު ވަކި ޕޯޓަލްއަކަށް އެންޓާ ކުރުމަށް ކުރިންވެސް ވަނީ އަންގާފައި. އެގޮތަށް އެންޓާކޮށް ނިމިފައިވާނަމަ، ޖުލައި މަހުގެ މުސާރައާއެކު އެލަވަންސް ލިބޭނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި ވަނީ،" ޑރ. ނަޒްލާ ރޭ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއް މިއަދުވެސް ހެނދުނު 9:00 ގައި ފެށުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!