އިޓާލިއަން ސީރިއާގައި ރޭ ޔުވެންޓަސްއާއި އެތުލާންޓާ ވާދަކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ރޭ ޔުވެންޓަސްގެ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ދެ ޓީމު އެއްވަރު ވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ. މުޅިމެޗުގައި ވެސް އެތުލާންޓާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގައި ދެފަހަރުމަތިން އެ ޓީމުންވަނީ ޔުވެންޓަސް މައްޗަށް ކުރި ހޯދާފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު އެތުލާންޓާއަށް 16 ވަނަ މިނެޓްގައި ކާމިޔާބުކޮސްދީފައިވަނީ އެ ޓީމުގެ ފޯވާޑް ކުޅުންތެރިޔާ ޒަޕާޓާއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއަކުން އެތުލާންޓާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ޔުވެންޓަސްއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމްގެތަރި ކުރިސްޓިއާނޯ ރޮނާލްޑޯވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑު ކާމިޔާބު ކޮށްފައިވަނީ 55 ވަނަ މިނެޓްގައެވެ. އެތުލާންޓާއަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރުސްލަން މަލެނޮސްކީއެވެ. މި ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 81 ވަނަ މިނެޓުގައެވެ. މި ލަނޑާއެކު އެ ޓީމު މެޗުން މޮޅުވާން ދަނިކޮށް 89 ވަނަ މިނެޓްގައި ޔުވެންޓަސްއަށް މެޗުގައި ލިބުނު ދެވަނަ ޕެނަލްޓީ ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން އެ ޓީމުގެ ފޯވާޑް ކުޅުންތެރިޔާ ރޮނާލްޑޯއެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު މި ސީޒަންގައި އިޓާލިއަން ސީރިއާގައި ރޮނާލްޑޯ ވަނީ އޭނާ ކުޅުނު 28 މެޗުން 28 ލަނޑު ޖަހާފައެވެ.
ރޭގައި ޔުވެންޓަސް ކުޅުނު މެޗުން އެއްވަރު ވީ ނަމަވެސް ދެވަނާގައި އޮތް ލާޒިއޯ ރޭކުޅުނު މެޗުން ބަލިވެފައި ވުމުން ޔުވެންޓަސްއަށް ވަނީ ޕޮއިންޓް ތާވަލުގައި 8 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ރޭ ލާޒިއޯ ބަލިވެފައި ވަނީ ޕޮއިންޓް ތާވަލުގެ 8 ވަނާގައި އޮތް ސަސޫލޯއާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. ރޭ ޔުވެންޓަސްއާއި ވާދަކޮށް އެއްވަރުވެ ލިބުނު ޕޮއިންޓާއެކު އެތުލާންޓާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 3 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!