އެމެރިކާގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 3 މިލިއަނަށް އަރައިފިއެވެ.
ކޯވިޑް19ގެ މަޢުލޫމާތުތައް ހިއްސާކުރާ މަސްދަރުތަކުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިވަގުތާއިހަމައަށް އެމެރިކާގައި 3,004,255 މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. މަރުވީ މީހުންގެ އަދަދު މިހާރު އޮތީ 132,682 ގައެވެ.
ކޯވިޑްގެ ނުރައްކާ ބޮޑުވެ ހަލުވިކަމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެންފެށި ދުވަސްވަރު އެމެރިކާ ވެގެން ދިޔައީ މިބަލީގައި ދުވާލަކަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހި އަދި އެންމެ ގިނަ މީހުން މަރުވަމުން އައި ގަޢުމުގެ ގޮތުގައެވެ. ނަމަވެސް މިބަލީގައި މީހުން މަރުވާ ނިސްބަތް އެމެރިކާގައި ވަނީ ކުޑަކުރެވިފައެވެ. އެގައުމުން އޭޕްރީލް މަހު އެވްރެޖް ގޮތެއްގައި ދުވާލަކަށް 2500 މީހުން މިބަލީގައި މަރުވެފައިވެއެވެ. ނަމަވެސް މިހާރު މިބަލީގައި ދުވާލަކަށް މަރުވާ މީހުންގެ ނިސްބަތް ހުރީ 600 ގައެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ފަސޭހަ ވެފައި ވަނީ 1,295,042 މީހުންނެވެ.
މިކަމަށް އަލިއަޅުވާލާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމް ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަލަށް ފެނުނު ޗައިނާ ވައިރަސްގެ ކޭސްތައް މަތިވެފައިވަނީ ޓެސްޓު ކުރާމިންވަރު އިތުރުވުމުން ކަމަށާއި މަރުވާމީހުން މަދުވެފައިވާކަމަށެވެ. ފޭކް މީޑިޔާތަކުން މިކަންވެސް ރިޕޯޓް ކުރަން ވާނެކަމަށް ބުނެފައިވެއެވެ.
ހަލުވިކަމާއި އެކު ބަލިފެތުރެމުންދާ އެމެރިކާއަކީ އެންމެ ގިނައިން މިބައްޔަށް ޓެސްޓު ކުރަމުންދާ ގައުމެވެ. އެގޮތުން މިހައިތަނަށް ވަނީ 37,568,807 (ތިރީސް ހަތް މިލިއަން ފަސް ލައްކަ ފަސްދޮޅަސް އަށް ހާސް އަށްސަތޭކަ ހަތެއް) މީހުން ޓެސްޓުކޮށްފައެވެ.
މުޅި ދުނިޔޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު ހުރީ 11 މިލިއަނުން މަތީގައެވެ.
ވަކި ސިޓީތަކަށް ބަލާއިރު އެމެރިކާގައި އަދިވެސް އެންމެ ގިނަ މީހުންނަށް މި ބަލި ޖެހެނީ ނިވް ޔޯރކްގައެވެ. އެސިޓީގައި އެކަނިވެސް 4 ލައްކައަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވެ ވެފައެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް އެސިޓީއިންނެވެ. އެސިޓީއިން 32248 މީހަކު މިބަލީގެ ސަބަބުން މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!