ސްކޫލެއްގެ ސީނިއާ މެނޭޖްމަންޓު ސްޓާފަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕްރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި މިރޭ ކުރިއަށްދިޔަ ނޫސްކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ އެ މުއައްޒަފު ވަޒީފާއަށް ނުކުމެފައިވާ ކަމަށެވެ. ނަމަވެސް އެޗްޕިއޭ އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ގައިދުރުކުރުކަން ބެހެއްޓުމާއި، މާސްކް އަޅައިގެން ހުންނެވުމުން އެ މުއައްޒަފާ މާގިނަ މީހުން ކޮންޓެކްޓް ވެފައި ނުވާ ކަމަށެވެ. އެ މުއައްޒަފާ ކޮންޓެކްޓްވީ ތިން މުއައްޒަފެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެ ތިން މުއައްޒަފުން ވަނީ ކަރަންޓީނު ކުރެވިފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ސްކޫލެއްގެ ސީނިއާ މެނޭޖްމަންތް ބޭފުޅަކު ހިމެނޭ ކަމަށާއި، އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި ކަމަށް ފާހަގަ ވެފައި ވަނީ މިހާތަނަށް 3 މީހަކު ކަމަށެވެ.
ކޯވިޑް ޖެހުން ސީނިޔާ މުވައްޒަފަކީ ހުޅުމާލޭ ހުރަވީ ސްކޫލުގެ ޕްރިންސިޕަލްކަމަށް އިތުބާރުހުރި ފަރާތަކުން ވަނީ މަޢުލޫމާތުދީފައެވެ.
ސްކޫލެއްގެ މެނޭޖުމަންޓުގެ އިސްބޭފުޅަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު މީގެ ކުރިންވެސް ވަނީ މާލޭ ސުކޫލެއްގެ ޕްރިންސިޕަލަކު ޕޮޒިޓިވް ވެފައެވެ. މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދު ކޮށްފައި ބޭއްވުމަށް ފަހު ހުޅުވާލީ ހުސްވި ހަފްތާގެ ބުދަ ދުވަހުއެވެ. ސްކޫލުތައް ހުޅުވާލުމާއެކު މަތީ ގްރޭޑްތަކަށް ކިޔުވުންވެސް ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!