ހުސްވި މޭ މަހުގެ 24 ވަނަ ދުވަހު ސްޕެއިންއަށް ދަތުރުކުރި ބެލްޖިއަމްގެ ޕްރިންސް ޔޯޗިމް، ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމަށް ފަހު އެ ގައުމުގެ ކަރަންޓީނުގެ އަމުރާ ހިލާފުވި މައްސަލާގައި 10،400 ޔޫރޯއިން (11،800 ޑޮލަރު) ޖުރިމަނާ ކޮށްފި ކަމަށް ސްޕެއިންގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސް ބުނެފިއެވެ.
ޕްރިންސް ޖުރިމަނާ ކޮށްފައި ވަނީ ސްޕެއިން އަށް އެތެރެވުމަށް ފަހު 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވެފައި ނުވާތީއެވެ. އަދި ޕްރިންސް ޔޯޗިމް ވަނީ ކަރަންޓީނުގެ އުސޫލާއި ހިލާފުވި ކަމަށް އެއްބަސްވެވަޑައިގެންފައި ކަމަށްވެސް ރޮއިޓާސް ބުނެއެވެ.
ބެލްޖިއަމްގެ ރަސްގެފާނު ފިލިޕް އަށް ބޮޑުބޭބެ ކިޔާ، އުމުރުން 28 އަހަރުގެ ޕްރިންސް ޔޯޗިމް ސްޕެއިން އަށް ދަތުރުކުރައްވާފައި ވަނީ ބެލްޖިއަމް އިން ސްޕެއިންގެ އަންދަލޫސިއާ އަށް އިންޓާންޝިޕެއްގައި ބައިވެރިވުމަށްޓަކައެވެ.
ޕްރިންސް ޔޯޗިމް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވަނީ މޭ 26 ގައި ކޮރްޑޯބާގައި އޮތް ޕާޓީއަކަށް ވަޑައިގަތުމަށް ފަހުގައި އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ޕްރިންސް މިހާރު ހުންނެވީ ސްޕެއިންގައި ކަރަންޓީނުކޮށްފަ އެވެ.
މިކަމާއި ގުޅިގެން ޕްރިންސްގެ ގާނޫނީ ވަކީލުގެ ބަހެއް އަދި ލިބިފައިނުވާކަމަށްވެސް ރޮއިޓާސްގައި ވަނީ ބުނެފައެވެ.
ސްޕެއިންގެ އެލް ޕެއިސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޕާޓީގައި 27 މީހުން ބައިވެރިވެފައި ވާއިރު ކޮޑްރޯބާގައި އިއުލަނުކޮށްފައިވާ ފުރަބަންދުގެ ހާލަތުގައި 15 މީހުންނަށް ވުރެ ގިނަވާނެ ހެން އެއްވުންތައް ބޭއްވުމަކީ މަނާކަމެކެވެ. ސްޕެއިންގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު މިދަނީ މި ޕާޓީގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!