މާލެ ފިޔަވައި އެއްރަށަކުން އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫއަށް ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ޒިޔާރަތް ކުރަށްވައިފިއެވެ.

އެ ވަފުދުގައި ހިމެނި ވަޑައިގަންނަވަނީ ހެލްތު މިނިސްޓަރު އަބުދު ﷲ އަމީނާއި،
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ﷲ ފައިރޫޟްއެވެ. އޭގެ އިތުރުން އެމްއެންޑީއެފުގެ ބޭފުޅުންވެސް އެ ވަފުދާއި އެކު އެރަށަށް ވަޑައިގަތެވެ.

Ad
rt

ސަރުކާރުގެ އިސްވަފުދެއް މިދަނޑިވަޅުގައި ނަރުދޫއަށް ކުރެއްވި ޒިޔާރަތާއި ގުޅޭ ގޮތުން ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު "ތިލަދުން"އަށް ވިދާޅުވީ ސަރުކާރުގެ ވަފުދު މިއަދު އެރަށަށް ވަޑައިގެން، ނަރުދޫ ކައުންސިލާ، ނަރުދޫ ކޯވިޑް-19 ޓާސްކް ފޯހާއި އަދި އެރަށު ސިއްޙީމަރުކަޒު ހިމެނޭހެން އެރަށުގައި ހުރި މުވައްސަސާ ތަކާއި ބައްދަލު ކުރެއްވި ކަމަށެވެ.

" ކޯވިޑް-19 ހާލަތުގައި ވެދެއްވަން ޖެހޭ ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން އެ ވަފުދުން ދެއްވި. އަދި މިވަގުތަށް ހުރި ދަތިތައް އޮޅުން ފިލުއްވައި އެކި ގޮތްގޮތުން އެ ދަތިތައް ފިލުވައިދޭން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އެ ވަފުދުން ދެއްވި. " ކައުންސިލް މެމްބަރު ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މިވަގުތު އެރަށަށް އޮތް އެންމެ ބޮޑު ދަތިކަމަކީ، ޑަކްޓަރެއް ނެތުމާއި، ރައްކާތެރި ކަމުގެ އާލާތް ނެތުން ކަމަށެވެ. އެކަންކަންވެސް ހައްލު ކޮށްދެއްވާނެ ކަމަށް އެ ވަފުދުން ވިދާޅުވި ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އެރަށުގެ ޑަކްޓަރާއި، ދެ ނަރުހުން ކަރަންޓީނުގައި ތިބުމުން މިހާރުވެސް އަތޮޅު ހޮސްޕިޓަލްގެ ނަރުހެއް އެރަށަށް ފޮނުއްވާފައި ވާ ކަމަށެވެ.

މިދަނޑިވަޅުގައި ސަރުކާރުގެ އެންމެ މަތީ ފަންތީގެ ވަފުދެއް އެރަށަށް ވަޑައިގަތުމަކީ އެ ބޭފުޅުންނާއި، ސަރުކާރު އޮތީ ނަރުދޫ ރައްޔިތުންނާއި އެކު ކަމަށް ރަމްޒުކޮށްދޭ ކަމަށާއި، އެކަމަށްޓަކައި ކައުންސިލާއި ނަރުދޫ ރައްޔިތުންގެ ފަރާތުން ޝުކުރު އަދާ ކުރަށްވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ށ. ނަރުދޫން މިހާތަނަށް 11 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.