ށ. ނަރުދޫން އިތުރު 2 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށަށް އަންގައިފި އެވެ.

މި 2 މީހުން ޕޮޒިޓިވް ވުމުން މިހާރު އެރަށުން ޕޮޒިޓިވްވި، މީހުންގެ ޢަދަދު ޖުމްލަ 10 އަށް އެރީއެވެ.

Ad
rt

އެރަށުން އިތުރަށް ޕޮޒިޓިވްވެފައި ވަނީ އަންހެނަކާއި އޭނާގެ 16 އަހަރުގެ ފިރިހެން ދަރިފުޅެވެ. އެ އަންހެން މީހާއަކީ މީގެ ކުރިން އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހެއްގެ އަންހެނުންނެވެ.

ރޭ ޕޮޒިޓިވް މީހުންގެ އިތުރަށް ދެން އިތުރަށް އެރަށުން ޕޮޒިޓިވްވެފައި ވަނީ ކޯވިޑް-19 އަށް އެރަށުން ފުރަތަމަ ޕޮޒިޓިވްވި އަމާޒު ބޯޓުގެ ކެޕްޓަނާއި، އޭނާގެ އަންހެނުންނާއި، 3 ދަރިންގެ އިތުރުން ކެޕްޓަންގެ މާބަނޑު ޅީ ދަރިފުޅެވެ. އޭގެ އިތުރުން ފައްސިވެފައި ވަނީ އަމާޒު ބޯޓުގެ ދެ ފަޅު ވެރިންނެވެ.

އަމާޒު ބޯޓު ކޭހާއި ގުޅުން ހުރި 113 މީހުން ދެނެގަނެވިފައި ވާކަމަށާއި، އޭގެ ތެރެއިން 35 މީހުންނަކީ ހައި ރިސްކު މީހުން ކަމަށާއި އަދި 11 މީހުން ކިބައިން ބަލީގެ އަލާމަތް ފެންނަ ކަމަށް އެންއީއޯސީ ކުރިން ވަނީ ބުނެފައެވެ.

އަތޮޅުތަކުން މީހުން ދިރިއުޅޭ ރަށްތަކުން އިއްޔެ ވަނީ ހއ. ތަކަންދޫން 3 މީހަކު އަދި ނ. މަނަދޫ މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މަނަދޫ މީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ އިތުރު ފަރުވާއަށް މާލެ ގެންގޮސް ޓެސްޓް ހެދުމުންނެވެ.

މީގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުން ހއ. އުލިގަމު މީހަކާއި، ށ. މިލަންދޫ މީހަކުވެސް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. ކ. ތުލުސްދޫންވެސް ވަނީ ބިދޭސީއަށް މިބައްޔަށް ޕޮޒިޓިވް ވެފައެވެ.

ނަރުދޫން މީގެ ކުރިން ޕޮޒިޓިވްވި މީހުން ވަނީ ހއ. ދޮނަކުޅީގައި ހިންގަމުންދާ ހައިޑް އަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓްގެ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައެވެ.

އުތުރުގެ ރަށްތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީންކޮށް ފަރުވާ ދިނުމަށް ހަމަޖައްސާފައި ވަނީވެސް ހއ. ދޮނަކުޅީގައި ހިންގާ ހައިޑަވޭ އައިލެންޑް ރިސޯޓެވެ.

ރާއްޖެއިން މިހާތަނަށް 491 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.