ކުޅުދުއްފުށީ ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތަނުގެ ޖާގައިގެ ދަތިކަންކަމަށާ، ޖާގަ ނެތުމުގެ ސަބަބުން އެހޮސްޕިޓަލުގައި ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
އަދި ބްލަޑް ބޭންކެއްގެ ޚިދުމަތް ފަށައި، ލޭ ރައްކާކުރެވޭނެ ނިޒާމެއްވެސް ނެތްކަމަށާ، އުތުރުގެ އަތޮޅުތަކުގައި ނިސްބަތުން ތެލަސީމިއާ ކުދިން ގިނަކަމަށް ފާހަގަކުރެވޭއިރު، ކުޅުދުއްފުށީ ހޮސްޕިޓަލަކީ އެފަދަ ވަރަށްގިނަ ކުދިން ފަރުވާހޯދާ ތަނެއްކަމަށް އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ. ތެލަސީމިއާ ކުދިންނަށް ލޭ އެޅުމުގެ ކަންކަން ކުރިއަށް ގެންދަނީ "ޑައިރެކްޓް ޑޮނޭޝަން"ގެ ދަށުންކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
"ލޭ ރައްކާކުރެވޭނެ ނިޒާމެއްނެތި ލޭ އެޅުމުގެ ކަންކަން ކުރިއަށްގެންދާއިރު ހޮސްޕިޓަލަށާއި ލޭ އަޅާ ފަރާތާއި ލޭ ހަދިޔާ ކުރާ ފަރާތަށްވެސް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭ" ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހޮސްޕިޓަލް ހިންގެވުމާ މިވަގުތު ޙަވާލުވެ ހުންނެވި ޚަދީޖާ ޢަލީ ވިދާޅުވިއެވެ.
މީގެއިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ ސްކޭން މެޝިން ބެހެއްޓުމަށް ޖާގަ ނެތުމުގެ ސަބަބުން ބަލިމީހުން ބައިތިއްބާ ވޯޑެއް ހުސްކޮށްފައިވާއިރު މީގެ ސަބަބުން ބަލި މީހުން އެޑްމިޓް ކުރުމަށްހުރި އެނދުގެ ނިސްބަތް މަދުވެފައިވާކަމަށް އުތުރުގައިހުރި މައި ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ބަލި އިތުރުވެ މީހުން އެޑްމިޓްކުރަންޖެހޭ މިންވަރު އިތުރުވުމުގެ ސަބަބުން ވަގުތީ އެނދު ޖަހައިގެންވެސް ޚިދުމަތްދީފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަށް ޖާގައިގެ ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ހޮސްޕިޓަލުން ވިދާޅުވާއިރު އެހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު ޢާއްމުންގެ ޝަކުވާވެސް އެބަހުރިކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ވިދާޅުވެއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް، އުތުރުގެ ސިއްޙީ ދާއިރާގެ މައި މަރުކަޒަކަށް އެހޮސްޕިޓަލު ހަދައި ތެލަސީމިއާއަށް ޚާއްސަ ފަރުވާދޭ ސަރަޙައްދަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ސަރުކާރުން އަންނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!