ކޯވިޑް19 އާއި ގުޅިގެން ދުނިޔޭގައި ފެތުރިފައިވާ ބަލިމަޑުކަމުގެ ސަބަބުން ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. މި ބިރުވެރި ރާޅު މިވަނީ ރާއްޖޭގެ ގޮނޑުދޮށްތަކާއި ހަމައަށްވެސް ފޯރާފައެވެ. މިނުރައްކާތެރިކަމުގެ ވަގުތު ކަމާބެހޭ ހުރިހާ މުވައްސަސާ ތަކަކުންވެސް އެދެނީ ރައްޔިތުން ގޭގައި ތިއްބަވާ ސަމާލުވެ ތިބުމަށެވެ. ކަމާބެހޭ އިދާރާތަކާއި އެކި އެކި މުވައްސަސާތަކާއި އާންމު ފަރުދުންވެސް އަންނަނީ ރައްޔިތުން ހޭލުން ތެރިކުރުމަށް އެކި ފެންވަރުގައި މަސައްކަތް ކުރަމުންނެވެ.

އެގޮތުން ހއ. އިހަވަންދޫއަށް އުފަން އެރަށު މާހިރީމަންޒިލް އަލީ މާހިރު ހިންގަމުން އަންނަ އޭއެސްޕީ ސްޓޫޑިއޯގެ ފަރާތުން އާންމު ޚިދުމަތެއްގެ ގޮތުން، ކޯވިޑް19 އަށް ރައްޔިތުން ހޭލުންތެރިކުރުމަށް ވަނީ ތަފާތު ވީޑިއޯތަކެއް މީސް މީދިޔާއަށް ދޫކޮށްލާފައެވެ. އަސަރުގަދަ މިވީޑިއޯ ތަކުގައި ވަނީ ވަރަށް ގިނަ މެސެޖުތަކެއް ދެއްވާފައެވެ.

Ad
rt

ތިރީގައި މި ހިއްސާކޮށްލަނީ އޭއެސްޕީ ސްޓޫޑިއޯއިން ގެނެސްދީފައިވާ ބައެއް ވީޑިއޯތަކުގައި ދީފައިވާ މެސެޖުތަކާއި ވީޑިއޯތަކެވެ.

އޭ ލޮބުވެތި އަޚާއެވެ. ތިބާ ބޭނުން ވަނީ ދިރިދެމި ހުންނަން ހެއްޔެވެ؟ ނޫނީ، ބަލި އެނދު ހެއްޔެވެ؟ ތިބާގެ އާއިލާއަށް ދޭން ބޭނުންވަނީ ބަލިމަޑުކަމުގެ އިންޒާރު ހެއްޔެވެ؟ ނޫނީ އުފާވެރިކަމުގެ ޚަބަރު ހެއްޔެވެ؟ ތިބާއަށް އޮތީ ކޮންމެ ވެސް އެއް ގޮތެކެވެ. ގޮތް ދޫނުކޮށް އުޅުމެވެ. ނޫނީ ބަސްއަހައި ކިޔަމަންވުމެވެ. ބަސް އަހައި ނަމަ ގޭގައި މަޑުކުރާށެވެ. ތިބާއާއި އާއިލާއަށް ޓަކައެވެ. ގޭގައި މަޑުކޮށްލާށެވެ. ރައްކާތެރިވާށެވެ.

އޭ އަޚާއެވެ. އެކުވެރި މިތުރާއެވެ. މިއީ، ކާރިސާގެ ވަގުތެވެ. އިމްތިހާނީ ވަގުތެވެ. އިހު އުޅުނު އަރާމު ގޮތް ދޫކޮށްލާ ކެތްތެރިވާންވީ ވަގުތެވެ. ފަހަށް ރައްކާކުރަންވީ ވަގުތެވެމ ބޭނުންވާ ކޮންމެ އެއްޗެއް ބޭނުންވާހާ އަވަހަށް، ވަގުތަށް ނުލިބިދާނެއެވެ. ތިމާ ބޭނުންވާ ކަންކަން ނުވުމުން އަނެކާއަށް ފާޑުނުކިޔާށެވެ. ޝަކުވާ ނުކުރާށެވެ. އެއީ ވެސް ހަމަ ތިމާ ފަދަ އިންސާނެކެވެ. އެބޭފުޅުންގެ ވެސް ޖަހަނީ ތިޔަ ހިތުގައި ޖަހައިފަދަ ވިންދެވެ. ހުންނާނީ އެއް އިހުސާސެކެވެ. ހުޠޫރަތްތެރި މި ދަނޑިވަޅު ނަމޫނާ ދައްކާށެވެ. އަނެކާއަށް އޯގާތެރިވާށެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނެވެ.
މާޔޫސް ނުވާށެވެ.
ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ.
މި ކާއިނާތުގެ ވެރި އިލާހު ﷲ ސުބުޙަނަހޫ ވަތަޢާލާގެ ޒާތު ފުޅު ފިޔަވައި އެހެން އެއްވެސް އެއްޗަކީ އަބަދަށް ދެމިގެންދާނޭ އެއްޗެއް ނޫނެވެ. އެހެންކަމުން މި ވައިރަހަކީވެސް ނެތި ހިގައިދާނެ އެއްޗެކެވެ. ބޭނުންވަނީ ފުރިހަމަ އީމާންކަމާއި ކެތްތެރި ކަމެވެ. މިއަދު އަޅުގަނޑުމެންގެ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުން އެ ކުރާހާ މަސައްކަތެއް އެ ކުރައްވަނީ މި ވައިރަސް ނެތި ހިނގައިދާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާ އެކުގައެވެ. އެކުވެރިންނޭވެ. އަހަރެމެންނަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހަށް އީމާންވެގެން ތިބި މުސްލިމުންނެވެ. ސަބަބުތަކުގައި ހިފައި އެ އިލާހަށް ފުރިހަމަ އަށް ވަކީލު ކުރާ ހާލު މި އިމްތިހާނުން ފާސްވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ގޭގަ މަޑު ކުރާށެވެ. ކުއްތަކުން ތައުބާވެ، ނަމާދު ޤާއިމުކޮށް ޤުރްއާން ކިޔަވައި ޛިކުރުކޮށް ދުޢާ ކުރާށެވެ. އަދި ރައްކާތެރިވާށެވެ. މިކަމުން ސަލާމަތްވާއިރު ތިބާއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގެންވާ އަޅެއްކަމުގައި ވުމަށް ޢަޒުމު ކަނޑައަޅައި މަސައްކަތް ކުރާށެވެ.

ނަރުހެއްގެ ރުއިމުގެ އަޑު އަހަރެންނަށް އިވުނެވެ. އެ ނަރުސް މީހާ މަސައްކަތް ކުރަމުން ދަނީ ކޮވިޑް 19 އަށް ޝައްކުކުރެވޭ ފަރާތްތަކުގެ ސާމްޕަލް ނެގުމާއި ބަލި މީހުންނަށް ޚިދުމަތް ކުރުމުގައެވެ. 24 ގަޑިއިރު އަމިއްލަ ހަށިގަނޑު ނުރައްކަލަށް ހުށަހެޅިފައިވާ ޙާލުގައެވެ. އެ ނަރުސް މީހާގެ ރުއިމުގައި ވަރުބަލިކަމާއި ހިތާމައިގެ އަސަރު އިންތިހާ އަށް ހުއްޓެވެ. އެ ނަރުސް މީހާ ރޮމުން އެދަނީ އޭނަގެ އާއިލާ އޭނަގެ ޙާލަތާމެދު ކަންބޮޑުވެ ކުރާ ހިތާމައިގެ ސަބަބުންވެ.

އެފަދަ ނުރަައްކާތެރި މާހައުލެއްގައި މިއަދު މަސައްކަތް ކުރަން ޖެހިފައިވާތީ ލޯބިވާ މަންމަ އާއި ބައްޕަ އަދި ފިރިމީހާއައި ދަރިން ކުރާ ހިތާމައިގެ ސަބަބުންނެވެ. އަހަރެން ކައިރީ ވަރަށް އަސަރާއެކު އޭނާ އެދުނެވެ. އާއިލާ އެންމެނަށް ވިސްނައިދޭށެވެ. ހިތްވަރު ދޭށެވެ. ގިނަ ގިނައި ﷲ ހަނދުމަކުރުމަށް ބުނެދޭޭށެވެ. ހުރިހާކަމެއްގެ އާރާއި ބާރު މިލްކުވެވޮޑިގެންވާ ފަރާތަކީ އެއީ ކަމަށް ބުނެދޭށެވެ. އެ ފަރާތުން ޖެއްސެވި ކަމެއް މެނުވީ ނުޖެހޭނެ ކަމަށް ބުނެ ދޭށެވެ. މި މަސައްކަތުގައި ކޮންމެ ގޮތަކަށް ކަންތައް ވީކަމުގައި ވިޔަސް ހިތާމަނުކުރުމަށް ބުނެދޭށެވެ. އަހަރެމެންނަކީ މަތް ﷲ ގެ އަޅުންކަމާއި އެނބުރި ދިޔުން އޮތީ އެ އިލާހުގެ ޙަޟުރަތަކަށްވެސް ބުނެދޭށެވެ. އަދި ގޭގައި ބަސް އަހައިގެން ތިބުމަށާއި ނަމާދުކޮށް ހެޔޮ ދުޢާ ކޮށް ދިނުމަށް އެދޭ ވާހަކަ ބުނެދޭށެވެ.

އެ ހިސާބުން އެ ނަރުސް މީހާއަށް މާ ބޮޑަށް ރޮވެން ފެށުނެވެ. އަދި ފޯނު ކަނޑައިލިއެވެ. އެކުވެރިންނޭ.. މިއަދު މިހާލަތުގައި މިފަދަ ކިތައް މީހުން އުޅޭނެ ހެއްޔެވެ. އެމީހުންނަށް ލުޔެއް ލިބި އާއިލާތަކަށް ހިތްހަމަ ޖެހުމެއް ލިބެން އޮތީ މި ބަލި ކޮންޓްރޯލް ކުރެވިގެންނެވެ. ބަލި ކޮންޓްރޯލް ވާން އޮތީ ބަސް އަހައި ކިޔަމަންވެ ދުޢާކޮށް ކެތްތެރިކަމާއެކު ފަރުދީ ޒިންމާ އަދާކޮށްގެންނެވެ.

މިއީ ކުޅުދުއްފުށީގައި ފުޅާދާއިރާއެއްގައި ސްޓޫޑިއޯއެއް ހިންގަމުން އަންނަ މާހިރު ފުރަބަންދުގެ ސަބަބުން ގޭގައި ހުންނަން ޖެހުމުން ކުރަންފެށި މަސައްކަތެއްކަމަށް މާހިރު ބުނެފައި ވެއެވެ.

މާހިރުގެ މިމަސައްކަތަށް ގިނަބަޔެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ. އަދިވެސް އިތުރު ވީޑިއޯތަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މާހިރު ބުނެއެވެ. މިވީޑޯތައް އޭއެސްޕީ ސްޓޫޑިއޯގެ ފޭސްބުކް ޕޭޖްގެ އިތުރުން ޔޫޓިއުބް ޗެނަލްއިންވެސް ފެންނާނެކަމަށް ބުނެފައި ވެއެވެ.

މާހިރުއަށް ލިބިފައިވާ ހުނަރުން މިވަގުތު ޤައުމަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ ވިސްނުމަށްފަހު މިއީ ރަނގަޅުކަމެއް ކަމުގައި ފެނުންކަމަށް މާހިރު ބުނެފައިވެއެވެ. މިއީ އަމިއްލަ އިސްނެގުމުގެ މަތިން ކުރަމުން އަންނަ މަސައްކަތެކެވެ. މީގެ އިތުރުން ކައުންސިލްތަކާއި ރަށްރަށުގެ ޓާސްކް ފޯސްތަކަށް އެނައުންސްމެންޓްތަކާއި ވީޑިއޯ ހަދައިދެމުން އަންނަނީ ހިލޭ ސާބަހަށެވެ.

މިވީޑިއޯތަކުގެ އަޑު އެޅުމާއި އެޑިޓް ކުރުމާއި މެސްޖުތައް އަމިއްލައަށް ތައްޔާރުކުރަމުން އަންނަ މާހިރުގެ އެދުމަކީ ގިނަބަޔަކަށް މި މެސެޖު ފޯރުކޮށްދިނުމެވެ. މިހާރު ދިމާވެފައިވާ މުސީބާތުގައި ކަމާބެހޭ މުވައްސަސާ ތަކުން ދެއްވާ އިރުޝާދުތަކަށް ބޯލަނބާ ކިޔަމަންވުމެވެ. އެންމެންވެސް މިދުވަސް ވަރު ބަސް އަހައި ގޭގައި މަޑު ކުރުމެވެ.