ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހއ ދިއްދޫ ދާއިރާގެ މެމްބަރު އަލްފާޟިލް އަބްދު ﷲ ވަހީދު ދާއިރާގެ ރައްޔިތުންނަށް ޙާއްސަ އިލްތިމާސްއެއް ކުރައްވައިފިއެވެ.

މިއަދު މެންބަރު ވަހީދު ނެރުއްވި އިލްތިމާގައި ބުނެފައިވަނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލި، ރާއްޖޭގައި ވެސް ފެތުރެން ފެށުމާއެކު ހއ ދިއްދޫ ދާއިރާގެ ރައްޔިތުންގެ ހިތްތަކުގައި މި ވަގުތު އުފެދިފައިވާ ނުތަނަވަސްކަމާއި، ކަންބޮޑުވުންތައް، ރައްޔިތުންނާއެކު އިޙްސާސްކުރަމުންދާކަމަށެވެ.

Ad
rt

މީގެ އިތުރުން ބުނެފައިވަނީ މި ނުރައްކާތެރި ބައްޔާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގައި، ދިއްދޫ ދާއިރާގެ ރައްޔިތުންގެ ޢާންމު ދިރިއުޅުމަށާއި، އަދި ވަކީން ޚާއްޞަކޮށް ވަޒީފާގެ ކަންކަމުގައި ކުރިމަތިވަމުން އަންނަ ދަތިތަކުގެ މަޢުލޫމާތު ކޮންމެ ދުވަހަކު ވެސް ދަނީ ލިބެމުންކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ރައްޔިތުން ތަމްސީލްކުރާ މެމްބަރުގެ ޙައިސިއްޔަތުން، އެ ކަންކަމުގައި މަޖިލީހުގެ ތެރެއިންނާއި، ދައުލަތުގެ ކަމާ ބެހޭ އެންމެހާ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަންކޮށް، އެ މަގަށް ވަކާލާތުކުރުމުގައި، މާތް ﷲ ގެ އިރާދަފުޅުން ދެމިހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިއްދޫ ދާއިރާގެ ހުރިހާ ރައްޔިތުންނަށް މި ފުރުޞަތުގައި އަރުވާކަމަށް ބުނެފައިވެއެވެ.

މި ދަތި އަދި އުނދަގޫ ވަގުތު، އަޅުގަނޑު މި ދަނީ ނުހަނު ގާތުން ރައްޔިތުންގެ ޙާލަތު ބަލަމުންނެވެ. ހަމައެހެންމެ، ހއ އަތޮޅު ހޮސްޕިޓަލާއި، ހއ އަތޮޅު ކައުންސިލާއި، ހއ ދިއްދޫ ކައުންސިލްގެ އިތުރުން، ރަށުގައި ޤާއިމުކުރެވިފައިވާ ކޮވިޑް ޓާސްކް ފޯސްއާ ގުޅިގެން، މި ޙާލަތުގައި ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑަށް ކުރެވެން ހުރި މަސައްކަތްތައް ވެސް
ކުރަމުންނެވެ.

މެންބަރު ވަހީދު ނެރުއްވި އިލްތިމާސް މެސެޖުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހަމަ ކޮންމެ ދުވަހަކުމެ، ދާއިރާގެ ރައްޔިތުންނާ ފޯނުގެ ޒަރީޢާއިން ވާހަކަދައްކައި، ވަކިވަކި ފަރުދުންގެ ކަންބޮޑުވުންތަކާއި، ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމުގައި، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ފޯރުކޮށްދެއްވާ ޚިދުމަތްތަކާއި އެހީތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް މަސައްކަތްކުރަމުން އަންނަކަން ފާހަގަ ކޮށްފައިވެއެވެ.

މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަންގަވާ އެންގެވުންތަކާއި، ޞިއްޙީ މާހިރުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރެއްވުމަށް ދިއްދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އިލްތިމާސްކުރާކަމަށާއި އަދި މި ދަނޑިވަޅު ކޮންމެހެން ކުރަން ޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް ނުކުރެއްވުމަށާއި، އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވެދެއްވުމަށާއި، ކެތްތެރިކަން އިސްކުރައްވައި، އިސްލާމީ މަތިވެރި އުޞޫލުތަކުގައި ހިފަހުއްޓުވައިދެއްވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

އަދި މި ފުރުޞަތުގައި، މި ބަލިން ހއ ދިއްދޫ ދާއިރާއާއި، ދިވެހި ލޮބުވެތި ރައްޔިތުން ރައްކާތެރިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާ ހުރިހާ ބޭފުޅުންނަށް ވެސް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާކަން ހާމަކޮށްފައިވެއެވެ.

އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ އަޅުގަނޑުމެން އެންމެން މި ބަލިން ރައްކާތެރިކުރައްވައި، މި ކަމުގައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުކޮށްދެއްވައި، އަޅުގަނޑުމެންނަށް ހެޔޮ ގޮތްތައް މިންވަރުކޮށްދެއްވުމެވެ. އާމީން

ރައްޔިތުންގެ މަޖިލީހުގެ ލެޓަރހެޑުގައި ނެރުއްވާފައިވާ އިލްތިމާސް މެސެޖު ނިންމާލަމުން ބުނެފައިވެއެވެ.