ޤާނޫނު ނަމްބަރު 7/2012، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއިން ވަޒީރަށް ލިބިގެންވާ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައިފިއެވެ.
ދަރުބާރުގޭގެ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ޕްރެސް ބްރީފިންއެއްގައި އަމީން، އެކަން އިއުލާންކުރެއްވީ މިހާރު ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުން ދާ ކޮރޯނާވައިރަސްއާ ގުޅިގެންނެވެ.
އެކަން އިއުލާން ކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި މި އިއުލާން ކުރީ، "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެ ހާލަތު މުޅި ރާއްޖެއަށް އިއުލާން ކުރީ 30 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅޭނެ ފިޔަވަޅުތަކަކީ؛
- ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުން
- މީހުން އެއްވެ އުޅުން މަނާކުރަން އަމުރު ނެރުން.
- ވަކި ހިސާބަކަށް ވަކި ވަގުތެއްގައި މީހުން އެއްވެއުޅުމާއި ދިޔުން މަނާކުރުމުގެ އަމުރު ނެރުން.
- ރާއްޖޭގެ އެތެރޭގައި ދަތުރުފަތުރުކުރުން ހުއްޓުވުން ނުވަތަ ހާއްސަ ފިޔަވަޅުތަކެއް އެޅުން.
އަމީން ވިދާޅުވީ މި ނިންމުމާ އެކު، ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅޭނެ ކަމަށެވެ. އަދި މިވަގުތު މަސައްކަތްކުރަމުން އަންނަނީ މި ރޯގާ ކޮންޓްރޯލްކުރުމަކީ އެންމެ އިސް ވާޖިބު ކަމުގައި ދެކިގެން ކަމަށް ވިދާޅުވި އެވެ.
އަމީން އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގައި ރޯގާގެ ހާލަތު އޮތް މިންވަރަށް ބަދަލެއް އައުމުގެ މައްޗަށް ބިނާވާ ނިންމުމެއް ނޫން ކަމަށާއި އެކަމަކު އެހެން ގައުމުތަކުގައި ރޯގާގެ ހާލަތު ގޯސްވަމުން ދާތީ ރާއްޖެ އަށް ވެސް ނުރައްކާ ބޮޑުވާ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރ އަމީން ވިދާޅުވީ، ކޮވިޑް-19ގެ ނުރައްކަލުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަން ލިބެމުންދާކަމަށެވެ. އަދި ކުރިޔަށް އޮތް ތާނގައި ވެސް ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
ކޮވިޑް-19 ކޮންޓެއިން ކުރެވިދާނެކަމުގެ އުންމީދު އަދިވެސް އެބައޮތްކަމާއި ގުޅުން ހުރި ހުރިހައި ފަރާތްތަކުގެ އެހީގައި އުންމީދު ކަނޑާނުލައްވާ ވައިރަސް ކޮންޓެއިން ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ރާއްޖޭގެ ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެ އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި، އިއުލާނުކުރަން ސިއްހަތާ ބެހޭ ވަޒީރަށް ލަފާދެއްވާނީ ވެސް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.
އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް، ވަޒީރު އިއުލާނުކޮށްފި ނަމަ، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!