ޤައުމަކަށް ލިބޭ ޤަދަރަކީ އެ ޤައުމެއްގެ ކުޑަބޮޑުމިނުން މިންކުރެވޭނެ އެއްޗެއް ނޫން ކަމަށް ރަސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީން އެމަނިކުފާނަށް "އޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް" ގެ ޝަރަފު އެރުވުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މި ޝަރަފާ ޙަވާލުވެވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، މީގެ 17 އަހަރު ކުރިން އެމަނިކުފާނު ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވި ދުވަހުގެ ހަނދާންތައް އައު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިފަދަ އޮނަރަރީ ޑޮކްޓަރޭޓެއް ލިބިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ. އަދި މިއީ މީގެ 17 އަހަރު ކުރިން އެމަނިކުފާނު އުއްމީދުކުރެއްވި މިންވަރަށްވުރެވެސް ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި ޝަރަފުވެރި ޑޮކްޓަރޭޓަކީ މުޅިން އެހެން މާނައެއް އެކުލެވިގެންވާ ޝަރަފެއް ކަމަށާއި، މި ޝަރަފު ޙައްޤުވަނީ ލޮބުވެތި ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަން ދައްކުވައިދޭ ޝަރަފެއް ކަމުގައިވެސް ވިދާޅުވިއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޙައިޞިއްޔަތުން އެމަނިކުފާނު އަދާކުރައްވާ ޒިންމާތަކާއި މި އޮނަރަރީ ޑޮކްޓަރޭޓާ ގުޅުމެއްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ދުނިޔެއަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ދުނިޔެއިން އާދަޔާ ޚިލާފު ޓެކްނޮލޮޖީގެ ކުރިއެރުންތައް ފެންނަމުންދިޔަ ނަމަވެސް، ހަނގުރާމަތަކާއި އަނިޔާވެރިކަން އަދި އިންސާނީ ނިކަމެތިކަމުގެ ސަބަބުން ދުނިޔެ ބޮޑެތި ތަކުލީފުތަކެއް ތަޙައްމަލު ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެފަދަ ކަންކަމާ ދެކޮޅަށް އަޑުއުފުލުމުގެ ޒިންމާ ނުހަނު ބޮޑުވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީން އީމާންތެރިކަމާއި ޢިލްމު އެކުގައި ކުރިއަށް ދާންޖެހޭކަން ހާމަކޮށްދޭ ކަމަށާއި، ޢިލްމީ ކާމިޔާބީތައް ބިނާވާންޖެހެނީ އިންސާނިއްޔަތުގެ ޚިދުމަތަށްކަން ރަމްޒުކޮށްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއިންވެސް އަބަދުވެސް ބުރަވަނީ މި މުހިންމު ހަމަތަކުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ޤަދަރަކީ ބިމުގެ ބޮޑުމިނުން މިންކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ނަޒާހާތްތެރިކަމަކީ އިޤުތިޞާދީ ނުވަތަ އަސްކަރީ ބާރުމިނުން ކަނޑައެޅޭނެ ކަންކަން ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮންމެ ޤައުމަކަށްވެސް ޤަދަރާއި އިޙުތިރާމު ލިބެންޖެހޭނެ ކަމަށާއި ކޮންމެ ރައްޔިތަކަށްވެސް ޝަރަފާއި ޢިއްޒަތް ލިބެންޖެހޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އަމާން އަދި ޢަދުލުވެރި ދުނިޔެއެއް ވާރުތަކުރުމުގެ ފުރުޞަތު ކޮންމެ ޖީލަކަށްވެސް ލިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ދަމަހައްޓަވައި، ޢިލްމާއި، އީމާންތެރިކަމާއި ޚިދުމަތުގެ ބާރުން ފުރިގެންވާ މުސްތަޤުބަލަކަށް މަސައްކަތްކުރުމުގެ ޢަޒުމް އައުކުރައްވަމުންނެވެ. އަދި މި ޝަރަފު ޤަބޫލުފުޅުކުރެއްވީ ފުން ޝުކުރަކާއި އައު ޒިންމާތަކަކާއެކު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.