ށ. މާއުނގޫދޫ ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އެ ރަށުގައި ކުނި މެނޭޖްކުރުމާއި ޕެސްޓް ކޮންޓްރޯލްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އިތުރުން ޖަމިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށް މި ފުރުޞަތު އޮތް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

Ad
rt

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، ރަޖިސްޓްރީކުރުމަށް ކަނޑައެޅިފައިވާ އިދާރީ ފީ ދައްކަންޖެހެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބުމުން ކަމަށާއި، ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށަހަޅާ އެއްވެސް އަންދާސީ ހިސާބެއް ބަލައިނުގަނެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 2026 އޮކްޓޯބަރ 26 ވާ ހޯމަ ދުވަހުގެ 13:00 އެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ވެސް އޮންނާނީ ހަމަ އެ ދުވަހުގެ 13:00 ގައި މާއުނގޫދޫ ކައުންސިލްގެ އިދާރާގައެވެ.

މި މަސައްކަތުގެ ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން ތާވަލުކޮށްފައިވަނީ 2026 އޮކްޓޯބަރ 29 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި ކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށާއި، ސިޓީއުރައިގެ ބޭރުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނުވަތަ ޕްރޮޖެކްޓް ނަންބަރުގެ އިތުރުން ކޮން ކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެއްކަން އެނގެން އޮންނަންވާނެ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މާއުނގޫދޫ ކައުންސިލްގެ އިދާރާގެ ފޯނު ނަންބަރު 6540056 އަށް ނުވަތަ އީމެއިލް info@maaungoodhoo.gov.mv މެދުވެރިކޮށް ގުޅުއްވުމަށް އެ އިދާރާއިން އެދެއެވެ.