ފީފާ ވޯލްޑް ކަޕުގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާ އަތުން މިސްރު ބަލިވި މެޗަށްފަހު، ރެފްރީއަށް ފާޑުކިޔުމުގެ ސަބަބުން މިސްރު ގައުމީ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަނާއި ފޯވާޑް މުސްތަފާ ޒީކޯއަށް ފީފާއިން ސަސްޕެންޝަނުގެ ބޮޑު އަދަބެއް ދީފިއެވެ.

މިގޮތުން ހުސާމް ހަސަން ތިން މެޗަށް ސަސްޕެންޑް ކުރިއިރު، ފޯވާޑް ޒީކޯ ވަނީ ފަސް މެޗަށް ސަސްޕެންޑް ކޮށްފައެވެ.

Ad
rt

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އެޅި މި ފިޔަވަޅުތަކާ ގުޅިގެން މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކޯޗު ހުސާމްގެ އެއްމާބަނޑު ކޮއްކޮ އަދި ޓީމުގެ މެނޭޖަރު އިބްރާހީމް ހަސަން ވެސް ތިން މެޗަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި މި ނިންމުން ނިންމި ތަފުސީލީ ސަބަބުތައް ސާފުކޮށްދިނުމަށް އެދި ފީފާއަށް ހުށަހަޅާފައިވާ ކަމަށާއި، މި އަދަބުގެ ގާނޫނީ ކަންކަން ދިރާސާކުރުމަށްފަހު އެ ނިންމުން އިސްތިއުނާފު ކުރަން ރާވަމުންދާ ކަމަށް ވެސް އީއެފްއޭ އިން ބުންޏެވެ.

މި ސަސްޕެންޝަންގެ ސަބަބުން އަންނަ ނޮވެމްބަރު މަހު އޮންނަ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި މަލާވީއާ ދެކޮޅަށް މިސްރު ކުޅޭ މެޗުތަކާއި، އަންނަ އަހަރުގެ މާޗް މަހުގެ އިންޓަނޭޝަނަލް ވިންޑޯގައި ކުޅޭ ފުރަތަމަ މެޗު ކޯޗު ހުސާމް އަދި އިބްރާހީމް ހަސަނަށް ގެއްލޭނެއެވެ. މީގެއިތުރުން ފޯވާޑް ޒީކޯއަށް ދިން އަދަބުގެ ސަބަބުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާއަށް ގައުމީ ޓީމަށް ނުކުޅެވޭނެއެވެ.

އެމެރިކާގެ އެޓްލާންޓާގައި ޖުލައި 6 ވަނަ ދުވަހު ކުޅުނު މި ފޯރިގަދަ މެޗުން މިސްރު ކެޓީ 2-0 ގެ ލީޑެއްގައި އޮއްވައި، އާޖެންޓީނާއިން ފަހަތުން އަރައި މެޗު ކާމިޔާބު ކުރުމުންނެވެ. މި މެޗުގައި މިސްރާ ދެކޮޅަށް ރެފްރީ ނިންމި ބައެއް ނިންމުންތަކާ މެދު އެ ޓީމުން ވަރަށް ބޮޑަށް ރުޅިގަދަވިއެވެ. އޭގެ ތެރޭގައި ދެވަނަ ހާފުގެ ކުރީކޮޅު ޒީކޯ ކާމިޔާބުކުރި ލަނޑެއް ބަލައިނުގަތުމާއި، އާޖެންޓީނާ މޮޅުވި ލަނޑަށްފަހު މިސްރުގެ ކޯޗިން ސްޓާފަކަށް ރަތް ކާޑު ދެއްކުން ހިމެނެއެވެ.

މިސްރުން 1-0 އިން ކުރީގައި އޮއްވައި ޒީކޯ ޖެހި ލަނޑު ބަލައިނުގަތީ، އެ ހަމަލާގެ ކުރިން ލިސަންދްރޯ މާޓިނޭޒްއަށް ފައުލް ކުރި ކަމަށް ވީއޭއާރުން ދެއްކުމުންނެވެ. ނަމަވެސް އޭގެ ފަހުން ޒީކޯ ލަނޑެއް ޖަހައި މިސްރުގެ ލީޑު ފުޅާކޮށްދިނެވެ. އެކަމަކު އާޖެންޓީނާގެ ކްރިސްޓިއަން ރޮމޭރޯ ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއިރު، ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ބޭކާރުވި ލިއޮނެލް މެސީ ވަނީ މުބާރާތުގައި އޭނާ ޖެހި އަށްވަނަ ލަނޑާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ނަތީޖާ 2-2 ގައި އޮއްވައި، އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް މޮޅުވި ލަނޑު ޖެހުމުގެ ކުރިން އެލެކްސިސް މެކް އެލިސްޓާ މިސްރުގެ ހަމްދީ ފަތުހީގެ ޖާޒީއަށް ދެމުމުން ޕެނަލްޓީއެއް ލިބެންޖެހޭނެ ކަމަށް މިސްރުން ދައުވާ ކުރިއެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ހުސާމް ހަސަން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނީ މިއީ ނަސީބު ދެރަކަމުން ވީ ގޮތެއް ކަމަށް ބުނެ ރީތިކޮށް ދައްކަން ބޭނުން ނުވާ ކަމަށާއި، މިސްރުގެ އަތުން މޮޅު ނިގުޅައިގަތީ މަކަރު ހަދައިގެން އަދި ބޭއިންސާފުން ކަމަށެވެ. އަދި އިހުތިރާމާއި ފެއާޕްލޭ މި މެޗުން ނުފެނުނު ކަމަށާއި، ޖާޒީއަށް ދަމާތަން ސާފުކޮށް ފެންނަން ހުރިއިރު ވެސް އެކަން ވީއޭއާރުން ބަލާފައި ނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ނަމަވެސް، ފީފާގެ ރެފްރީންގެ ވެރިޔާ ޕިއެރްލުއިޖީ ކޮލީނާ ވަނީ މި މެޗުގައި ރެފްރީން ނިންމި ނިންމުންތައް ދިފާއުކުރައްވާފައެވެ. ކޮލީނާ ވިދާޅުވީ މިފަދަ ތުހުމަތުތަކުގެ ސަބަބުން ރެފްރީންނާއި އެމީހުންގެ އާއިލާތަކަށް އިންޒާރުތަކާއި ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.