އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް މާލީ ވުޒާރާއާއެކު އިއްޔެ ބާއްވައިފިއެވެ.
މާލީ ވުޒާރާގެ އިސްވެރިންނަށް އަމާޒުކޮށްގެން ބޭއްވި މި މަޢުލޫމާތު ސެޝަނުގައި، "ރެސްޕެކްޓް ކެމްޕެއިން"ގެ މުހިންމުކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ވަނީ ދީފައެވެ. އަދި މި ޚާއްޞަ ޤައުމީ ކެމްޕެއިނުގެ ލަނޑުދަނޑިތަކަށް އެ ވުޒާރާގެ އިސްވެރިން އަހުލުވެރިކުރުމުގެ ކަންކަން ވެސް މި ބައްދަލުވުމުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
"އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ދިވެހީންގެ ތެރޭގައި އިހުގައި އޮތް އެކަކު އަނެކަކަށް އިޙުތިރާމްކުރުމުގެ ރިވެތި އާދަކާދަ އަލުން ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ ބޮޑު މަޝްރޫޢެކެވެ.
ސަރުކާރުން މިފަދަ ކެމްޕެއިނެއް ފެށުމަށް ނިންމެވީ، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމުގެ ރޫޙާއި އިޖުތިމާޢީ ފޭރާން ގެއްލި، ޒުވާނުންނާއި މުޅި މުޖުތަމަޢުގައި ބައިބައިވުން އުފެދެމުންދާތީއެވެ. އަދި މީގެ ކުރިން ރައްޔިތުން އެކުވެރިކަމާއެކު ހިތްހަމަޖެހިގެން އުޅެމުން އައި މާޙައުލު ގެއްލެމުންދާ ކަމުގެ ކަންބޮޑުވުމަށް ޙައްލެއް ހޯދުމަށްޓަކައި، ޤައުމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދެވެ.
މި ކެމްޕެއިން އެކުލަވާލުމުގެ މަރުޙަލާގައި ދަޢުލަތުގެ މުއައްސަސާތަކުގެ އިތުރުން މުޖުތަމަޢުގެ އެކި ބައިތަކުގެ ބައިވެރިވުން ހޯދުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ސަރުކާރުގެ ހުރިހާ އިދާރާތަކާއި، އަމިއްލަ އޮފީސްތަކުގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ސިޔާސީ ޕާޓީތަކަށް ދަޢުވަތު އަރުވައި، މި ކެމްޕެއިނުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ކެމްޕެއިން ވިލަރެސް ކޮމިޓީއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކެމްޕެއިން ރަސްމީކޮށް ފެށުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ. އެގޮތުން މި މަޝްރޫޢަށް ބޭނުންވާ ބަޖެޓާއި، ކަންކަން ކުރިއަށް ގެންދާނެ ޓައިމްލައިން އެކުލަވާލައި މިހާރު ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޓީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!