މި ހިނގާ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ތެރޭގައި ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ބާރު ސްޕީޑްގައި ދުއްވި 102 މައްސަލައެއް ފުލުހުން ބަލާފައިވާކަން ފުލުހުން މިއަދު އާންމުކުރި މާލެ ސަރަހައްދުގެ ޓްރެފިކް ވައިލޭޝަންތަކުގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
މަހުގެ ފުރަތަމަ 10 ދުވަހު މާލެ ސަރަހައްދުގައި ދެ މީހުންނަށް އެރޭ އުޅަނދުތަކަށް ދެ މީހުންނަށްވުރެ ގިނައިން އަރައިގެން ދުއްވި ހަތަރު މައްސަލައެއް ބަލާފައިވާއިރު، ބްރިޖް ހައިވޭގައި ކަނޑައެޅިފައިވާ މިންގަނޑުން ބޭރުން ދުއްވި 214 މައްސަލައެއް ފުލުހުން ވަނީ ބަލާފައެވެ.
މި މުއްދަތުގެ ތެރޭގައި އަހަރީ ފީ ނުދައްކާ ދުއްވި 135 އުޅަނދެއްގެ މައްސަލަ ފާހަގަކުރެވިފައިވާއިރު، އިންސުއަރެންސް ހަމަވެފައިވާ 26 އުޅަނދެއްގެ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ.
މި މުއްދަތުގެ ތެރޭގައި ޓްރެފިކް ނިޝާނުގެ ގަވާއިދާއި ޚިލާފްވި 35 މައްސަލައެއް ފުލުހުން ބަލާފައިވާއިރު، ލައިޓް ނުދިއްލާ ދުއްވި 7 މައްސަލައެއް ވަނީ ބަލާފައެވެ.
މީގެ އިތުރުން ލައިޓަށް ބަދަލު ގެނެސްގެން ދުއްވި ދެ މައްސަލައަކާއި، ސައްހަނޫން ރަޖިސްޓަރީ ނަންބަރު ޖަހައިގެން ދުއްވި ދެ މައްސަލައަކާއި، ބަސް ހުއްޓީގައި ޕާކުކުރި ދެ މައްސަލައަކާއި، ކަންމަތީ ޕާކު ކުރުމާއި، ހައިވޭގައި ޕާކު ކުރުމާއި، ދުވާރު މަތީގައި ޕާކު ކުރުމާއި، ދުންފަތުގެ އިސްތިއުމާލް ކުރަމުން ދުއްވުންފަދަ މައްސަލަތައް ވެސް ފުލުހުން ވަނީ މި މުއްދަތުގެ ތެރޭގައި ބަލާފައެވެ.
ފުލުހުން އަންނަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!