ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތް ހޫތީން، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި 12 މީހުން މަރުވެ، 309 މީހުން ޒަޚަމްވެފައިވާ ކަން އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން އާދީއްތަ ދުވަހުގެ ފަތިހު ކަށަވަރުކޮށްދީފިއެވެ.

ގާކާ އިން ހާމަކުރި ތަފުސީލުތަކަށް ބަލާއިރު، މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައޫދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހެއްގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނުގެ ރައްޔިތެކެވެ. މަރުވި މީހުންގެ އާއިލާތަކަށް އެ އޮތޯރިޓީން ވަނީ ތައުޒިޔާ ފޮނުވައިފައެވެ.

Ad
rt

މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސް ބައެއް މީހުން ވެސް ހިމެނޭ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ. އަދި އަނިޔާވި ހުރިހާ އެންމެންނަށް ވެސް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ ކަމަށާއި، އެ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މި ހަމަލާއާ ގުޅިގެން އެއާޕޯޓުގެ މުދަލަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ގާކާ އިން ކަށަވަރުކޮށްދިނެވެ. އަދި ލިބުނު ގެއްލުންތަކުގެ ފުރިހަމަ މިންވަރު ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމެންޓްތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ އިދާރާއިން ބުންޏެވެ. މީގެ ކުރިން ނެރުނު ބަޔާނުގައި އެ އޮތޯރިޓީން ބުނެފައިވަނީ ހަމަލާގައި ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި، ގެއްލުމުގެ ތަފުސީލުތައް ބަލަމުން އަންނަ ކަމަށެވެ.

ހޮނިހިރު ދުވަހު ދިން މި ހަމަލާއާ ގުޅިގެން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. އެ އޮޕަރޭޝަންތައް މެދުކަނޑައިލީ އެއާޕޯޓުގެ ވަސީލަތްތަކަށް ލިބުނު ގެއްލުންތައް ބަލައި، އެ ތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ކަމަށް އެ އިދާރާއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި އެއާޕޯޓުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓައިލީ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކަށާއި ކަމާބެހޭ އިދާރާތަކަށް ސަލާމަތީ އެސެސްމެންޓްތައް ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށެވެ. އަދި މިއީ ފަސިންޖަރުންނާއި އެއާޕޯޓުގެ މުވައްޒަފުންގެ އިތުރުން މަދަނީ ވައިގެ ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށް ވެސް ބުންޏެވެ.

މި ހަމަލާ ދީފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަމަ އެ އެއާޕޯޓަށް ދިން ވަކި ދެ ހަމަލާއެއްގައި ސައޫދީގެ ތިން ރައްޔިތަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވިތާ އެންމެ ދެ ދުވަސް ފަހުންނެވެ.