ކެންޔާއިން އެބޯލާ ވައިރަސް ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ފެނި، އެ ބަލީގައި އޭނާ މަރުވުމާ ގުޅިގެން އެ ޤައުމު ހައި އެލާޓަށް ގެނެސްފިއެވެ.
ކެންޔާގެ މިނިސްޓްރީ އޮފް ހެލްތުން ހާމަކުރި ގޮތުގައި، މިއީ އެހެން ޤައުމަކުން އެތެރެވި މީހެއްގެ ގައިން ފެނުނު ކޭހެކެވެ. މި ބަލީގައި މަރުވެފައިވަނީ ޔޫގެންޑާ މަގުން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) އިން އެނބުރި ނައިރޯބީއަށް ދަތުރުކުރި ކެންޔާގެ ރައްޔިތެކެވެ.
މަރުވި މީހާއަކީ ޑީއާރުސީގައި ދިރިއުޅެމުންދިޔަ ފިރިހެނެކެވެ. ޖޯމޯ ކެންޔާޓާ އިންޓަނޭޝަނަލް އެއާޕޯޓަށް އޭނާ ދިޔައިރު، ލޭއައުމާއެކު ގަދައަށް ހުންއައުމުގެ އަލާމާތްތައް ހުރުމުން ވަގުތުން ވަނީ ނައިރޯބީ ހޮސްޕިޓަލަށް ގެންގޮސް އެކަހެރިކޮށްފައެވެ. އަދި ޓެސްޓުތަކުން އޭނާއަށް އެބޯލާ ޖެހިފައިވާކަން ކަށަވަރުވިފަހުން އޭނާ ވަނީ މަރުވެފައެވެ. އޭނާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކުގައެވެ.
ލެބޯޓްރީ ތަހުލީލުތަކުން ދައްކާ ގޮތުގައި މި މީހާގެ ގައިން ފެނިފައިވަނީ އެބޯލާ ވައިރަހުގެ ބާވަތެއް ކަމަށްވާ "ބުންޑިބުގްޔޯ" (Bundibugyo) ވައިރަސް ޑިޒީޒެވެ. ކަމާބެހޭ ސިއްހީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި، ވަރަށް މަދުން ފެންނަ މި ސްޓްރެއިންއަށް ރަސްމީކޮށް ހުއްދަދީފައިވާ އެއްވެސް ވެކްސިނެއް ނުވަތަ ޚާއްސަ ފަރުވާއެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
މި ކޭސް ފެނުމާ ގުޅިގެން ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވަގުތުން ފަށާފައެވެ. މިގޮތުން، ބަލިޖެހުނު މީހާއާ ގާތުން ބައްދަލުވި އާއިލާގެ މެންބަރުންނާއި، އޭނާއާއެކު ދަތުރުކުރި މީހުންގެ އިތުރުން ހޮސްޕިޓަލުގެ މުވައްޒަފުން ހިމެނޭހެން 28 މީހަކު ވަނީ ދެނެގަނެވިފައެވެ. އަދި އެ މީހުން 21 ދުވަހުގެ މަޖުބޫރު ކަރަންޓީނެއްގައި ބައިތިއްބާފައިވާއިރު، އެ މީހާ ދަތުރުކުރި ފްލައިޓުގައި ތިބި އިތުރު 23 ފަސިންޖަރުން ހޯދުމުގެ މަސައްކަތް ވެސް ސިއްހީ އޮފިޝަލުން އަންނަނީ ކުރަމުންނެވެ.
ހަމައެއާއެކު، ކެންޔާއަށް އެތެރެވާ މައިގަނޑު ސަރަހައްދުތަކާއި ވައިގެ ބަނދަރުތަކުގެ އިތުރުން އެއްގަމު ބޯޑަރުތަކުގައި ސިއްހީ ސްކްރީނިންތައް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. އަދި ބަލީގެ ނުރައްކާ ބޮޑު ކަމަށް ފާހަގަކުރެވޭ ކައުންޓީތަކުގައި ކްލިނިކަލް މޮނިޓަރިން އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
ހެލްތު ކެބިނެޓް ސެކްރެޓަރީ އޭޑަން ޑުއާލޭ ވަނީ ގިނަގިނައިން އަތްދޮވުމަށާއި އަލްކޮހޯލް އެކުލެވޭ ސެނިޓައިޒާ ބޭނުންކުރުމަށާއި، ބަލި ފެތުރެމުންދާ ސަރަހައްދުތަކުން އަންނަ މީހުންނާ ސީދާ ބައްދަލުވުމުން ދުރުހެލިވުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި މި ބައްޔާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ޚާއްސަ ޓޯލް-ފްރީ ހޮޓްލައިނެއް ވެސް ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ގާއިމުކޮށްފައެވެ.
މި ސަރަހައްދުގައި ފެތުރެމުންދާ މި ބަލިމަޑުކަން ފުރަތަމަ ފެށިފައިވަނީ ކޮންގޯގެ އިރުމަތީ ސަރަހައްދުންނެވެ. އެ ސަރަހައްދުގައި މިހާތަނަށް އެތައް ހާސް ކޭހެއް ފެނިފައިވާއިރު، މިކަމާ ގުޅިގެން އިރުމަތީ އެފްރިކާގެ އަވައްޓެރި ޤައުމުތަކުން ވެސް ވަނީ ބޯޑަރު ހުރަސްކޮށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!