ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު 1,000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި، އެ ޚިދުމަތުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހާސިލުކުރެވިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ވަޠަނީ ޚިދުމަތަށް އެއް އަހަރު ފުރުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، 01 އޮކްޓޫބަރު 2025 ގައި މި ސަރުކާރުން ފެށި މި ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރި ޒުވާނުންނަށާއި އެ ޒުވާނުންގެ ޢާއިލާތަކަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި މި ކާމިޔާބު ޙަރަކާތް ކުރިއަށް ގެންދިއުމުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ad
rt

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ދިވެހި ވަޠަނީ ޚިދުމަތަކީ ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް އުޖާލާކޮށް ދިނުމުގެ މުޅިން އާ ރާސްތާއެއް ފަހިކޮށްދިނުމުގެ ނިޔަތާއި އުންމީދުން ފުރިގެންވި ޢަޒުމާއެކު ފެށި ޚިދުމަތެކެވެ. އަދި ފާއިތުވެދިޔަ އެއް އަހަރު ވެގެންދިޔައީ ޒުވާނުންނަށްޓަކައި ކާމިޔާބު އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކޮށްދެވުނު އަހަރަކަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަމްރީނުތަކުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގގެ ތެރެއިން 1,028 ދިވެހި ޒުވާނުން ތަމްރީނު ކުރެވިފައިވާ ކަމަށެވެ. މީގެއިތުރުން، ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ ޕްރޮގްރާމްގެ ދަށުން 136 ޒުވާނުން ތަމްރީނު ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަން އޮތްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ނޭޝަނަލް ސަރވިސްގެ ތެރެއަށް ފަންނީ އިތުރު ދާއިރާތައް ތަޢާރަފްކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނޭޝަނަލް ސަރވިސްގެ އިންޓަރންޝިޕް ޕްރޮގްރާމްތައްވެސް ކުރިއަށް އޮތް ތަނުގައި ތަޢާރަފްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ނޭޝަނަލް ސަރވިސްގެ ތަމްރީނުތައް ފުރިހަމަކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ނޭޝަނަލް ކެރިއަރ ސަރވިސްގެ ދައުރު ފުޅާކުރުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ދިފާޢީ ވުޒާރާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ 2024 ވަނަ އަހަރުގެ ނަސްރުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ޢިއުލާންކުރަށްވަމުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މި ޕްރޮގްރާމުގެ ސަބަބުން ތަމްރީނު ލިބިފައިވާ، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.