ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމު ވަރުގަދަކޮށް، އަނިޔާ ކޮށްގެން ހުށަހަޅާ މައްސަލަތަކަށް އިޖާބަދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި އެކުލަވާލާފައިވާ "ބޮގޯޓާ ކޯލް ޓު އެކްޝަން" ޤަރާރުގައި ދިވެހިރާއްޖެއިން އިއްޔެ ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ އިން ބުނީ ދިވެހިރާއްޖޭގެ ފަރާތުން މި ޤަރާރުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ ކަމަށެވެ. "ބޮގޯޓާ ކޯލް ޓު އެކްޝަން" އަކީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ކޮލަމްބިއާގެ ބޮގޯޓާގައި ބޭއްވި، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ބެހޭ ފުރަތަމަ ބައިނަލްއަޤުވާމީ މަހާސިންތާގައި ބައިވެރިވި ގައުމުތަކުން އިސްނަގައިގެން އިފުތިތާޙުކުރި މުހިއްމު ޤަރާރެކެވެ.
މި ޤަރާރުގެ މައިގަނޑު މަޤްސަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ. މީގެ އިތުރުން ހޯދުންތަކާއި ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ޤާނޫނީ އަދި ސިޔާސަތުތަކުގެ އޮނިގަނޑުތައް ހަރުދަނާކުރުމަށް މި ޤަރާރުގައި އަލިއަޅުވާލާފައިވެއެވެ.
ޑިޖިޓަލް މާޙައަލުތަކުގައި ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އިދާރީ ގުޅުންތަކާއި ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، ކުޑަކުދިންގެ ރައްކާތެރިކަމާއި ލާބައާ ގުޅުންހުރި ނިންމުންތަކުގައި އެކުދިންގެ ބައިވެރިވުން މާނަހުރި ގޮތެއްގައި ހިމެނުމަށްވެސް މި ޤަރާރުގައި ބާރުއަޅާފައިވެއެވެ. ބޮގޯޓާ ކޯލް ޓު އެކްޝަންގައި ހިމެނޭ ކަންކަމަކީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކަންކަމަށް އިޖާބަދިނުމަށް ދިވެހިރާއްޖެއިން 2024 ވަނަ އަހަރު އެކުލަވާލި 'ނޭޝަނަލް އެކްޝަނ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އެންޑް ރެސްޕޯންޑިންގ ޓު ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަން' އާ ގުޅިލާމެހިފައިވާ ކަންކަމެވެ.
ރާއްޖެއިން އެކުލަވާލި މި ޕްލޭންގެ މައިގަނޑު އަމާޒަކީ އަނިޔާއިން ރައްކާތެރިވުމަށް އިސްކަންދީގެން، ގޭތެރެއާއި، ތައުލީމުދޭ މަރުކަޒުތަކާއި، މުޖުތަމަޢުގެ ތެރޭގައާއި އަދި އިންޓަނެޓްގެ ވަސީލަތްތައް ބޭނުންކުރުމުގައި ވެސް ކުޑަކުދިންނަށް އަމާން އަދި ރައްކާތެރިކަން ލިބޭނެ މާޙައުލެއް ކަށަވަރުކޮށްދިނުމެވެ. މީގެ އިތުރުން، މި ޕްލޭންގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ދުރާލާ ދެނެގަނެ، އެކުދިންނަށް ފުރިހަމަ ރައްކާތެރިކަމާއި، އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އަނިޔާގެ މައްސަލައެއް ހުށަހެޅިއްޖެ ހާލަތުގައި އެކުދިންގެ މަސްލަހަތު އެންމެ އިސްކޮށްގެން ޚިދުމަތްތައް ދިނުން ކަށަވަރުކުރުން ހިމެނެއެވެ.
މި ޤަރާރުގައި ސޮއިކުރުމަށް 29 ސެޕްޓެމްބަރ 2026 ގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޤީލާ ޢަލީ ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި މާނަހުރި ކުރިއެރުމެއް ހޯދުމަށް ދެމެހެއްޓެނިވި މަސައްކަތްތަކެއް ބޭނުންވެއެވެ. އަދި ދައުލަތުގެ މުޢައްސަސާތަކާއި، އާއިލާތަކާއި، މަދަނީ ޖަމުއިއްޔާތަކާއި، ތަރައްޤީގެ ބައިވެރިން އަދި ކުޑަކުދިން ވެސް ހިމެނޭހެން، މުޅި މުޖުތަމަޢު ބައިވެރިވާ ފުރިހަމަ ނިޒާމެއްގެ ތެރެއިން މިކަމަށް އެހީތެރިކަން ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމަށާއި އެކުދިންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި މިނިސްޓަރ ޤީލާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަށާއި، ޔުނިސެފާއި އެހެނިހެން ބައިވެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ އިން ބުނީ، މިއަދު ސޮއިކުރި ބައިނަލްއަޤުވާމީ ޤަރާރުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ ކުޑަކުދިންގެ ދިރިއުޅުމަށް ދެމެހެއްޓެނިވި އަދި ދާއިމީ ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ އަމަލީ މަސައްކަތްތަކަކަށް ހެދުމަށްޓަކައި، ރާއްޖެއާއި ބައިނަލްއަޤުވާމީ އެކި އިދާރާތަކާއެކު ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށެވެ. ބޮގޯޓާ ކޯލް ޓު އެކްޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުއިވެ، ދުނިޔޭގެ ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!