އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުގެ ދަށުން އެކުލަވާލި ވިލަރެސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއްގެ އިތުރުން އެމަނިކުފާނު ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ގައުމީ މުހިންމު މަޝްރޫއެކެވެ. މި ކެމްޕެއިން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން މިހާރު ދަނީ ވަމުންނެވެ.

Ad
rt

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ކަންކަން ވިލަރެސްކޮށް، ހިންގުން ހަރުދަނާކުރުމަށްޓަކައި އެކުލަވާލާފައިވާ މި ކޮމިޓީގައި ކަމާގުޅުންހުރި ވުޒާރާތަކާއި މުއައްސަސާތައް ހިމެނޭހެން ޖުމްލަ 9 މެންބަރުން ހިމެނެއެވެ. މި ކޮމިޓީ އެކުލެވިގެންވަނީ ސަރުކާރުގެ މުހިންމު ވުޒާރާތަކާއި މީޑިއާގެ އިސް ފަރާތްތައް ހިމެނޭ ގޮތަށެވެ.

މި ކޮމިޓީގައި ހިމެނޭ މަންދޫބުންގެ ތެރޭގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ސޮބާހާއި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރު ނަސްރީނާ އިދްރީސް އަދި ދިފާއީ އަދި ވަތަނިއްޔަތާ ބެހޭ ވުޒާރާގެ ކެޕްޓަން އަލީ ފަހުމީ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގެ އެޑިއުކޭޝަން ސްޕްރިންޓެންޑެންޓް މުހައްމަދު ނާތީމާއި، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އަހުމަދު އައިމަން ވެސް ކޮމިޓީގައި ހިމެނިވަޑައިގަންނަވައެވެ.

ކޮމިޓީގެ އިތުރު މެންބަރުންގެ ތެރޭގައި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މަރްޔަމް ލަހުފާ ހަލީލާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡް އައްޝައިޚް އަޙްމަދު ފަހުމީ ދީދީ އަދި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑިރެކްޓަރު ޝާދިޔާ އަހުމަދު ހިމެނެއެވެ. އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ފަރާތުން ހިމެނެނީ އެގްޒެކެޓިވް ޑިރެކްޓަރު ކޮންޓެންޓް މޮނިޓަރިންގ އެންޑް އިވެންޓްސް ކޯޑިނޭޝަން އިބްރާހިމް އިގްބާލެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވި މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށްގެންދަން ރޭވިފައިވާ ގޮތްތަކާއި، މި މަޝްރޫއުގައި ކޮމިޓީން އަދާކުރާނެ ދައުރާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.