އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބަށްފަހު އީރާނާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވޭ ކަމަށާއި، ނަމަވެސް އެ ގައުމާއެކު އެއްބަސްވުމަކަށް ދިއުމާ މެދު ނުވަތަ އެ ގައުމު އެކޮށް ނައްތާލުމާ މެދު ބޮޑު ނިންމުމެއް ނިންމަވަން ޖެހިވަޑައިގެންފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ނިއުޔޯކްގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގައި އަންގާރަ ދުވަހު ތަގުރީރު ކުރައްވަމުންނެވެ.

Ad
rt

އދ. ގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން އަލުން ގައުމު ބިނާކޮށް، މެދުއިރުމަތީގައި ނުވަތަ މުޅި ދުނިޔޭގައިވެސް ނެތް ފަދަ ބޮޑު ގައުމަކަށް ހެދުމުގެ ފުރުސަތު ދޭނެ އެއްބަސްވުމެއް ހެދުން ނުވަތަ އިސްލާމިކް ރިޕަބްލިކް މުޅިން އަނެއްކާވެސް ނައްތާލައި، އެ ގައުމުން އެހެން ގައުމުތަކާއި މީހުން މެރުމާއި ހަލާކުކުރުމުގެ ފުރުސަތު ދެން ނުލިބޭނެ ގޮތް ހެދުމާ މެދު ނިންމަންޖެހޭ ބޮޑު ނިންމުމެއް އެބައޮތް ކަމަށެވެ.

އަންނަ ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބޭ ނަތީޖާއަކަށް އީރާނުން އިންތިޒާރު ކުރަމުންދާ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި، އެކަމަކު އިންތިޚާބަށްފަހު އެއްބަސްވުމެއް ހެދޭނެ ކަމަށް ބެލެވޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެމަނިކުފާނު އިންތިޚާބުގައި ވާދަނުކުރެއްވި ނަމަވެސް، ކުރިއަށް އޮތް ދެ އަހަރަރާއި ބައިގެ މުއްދަތުގައި ވެރިކަމުގައި ހުންނަވައި، ރިޕަބްލިކަން ޕާޓީއަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އީރާނުގެ ކަންކަމުގައި އިންތިޚާބަށް އެއްވެސް ސަމާލުކަމެއް ނުދެއްވާނެ ކަމަށާއި، އެމަނިކުފާނުގެ ހަމައެކަނި އަމާޒަކީ އީރާނަށް އެޓޮމިކް ނިއުކްލިއާ ހަތިޔާރެއް ހޯދުމުގެ ފުރުސަތު ކެނޑިނޭޅި ހުއްޓުވުން ކަމަށްވެސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އީރާނާއެކު މަޝްވަރާތައް ފައްޓަވައި، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާއި ޓެރަރިޒަމަށް ދޭ އެހީތެރިކަން ހުއްޓާލުމުގެ ބަދަލުގައި އިގްތިސާދީ ފުރިހަމަ އެއްބާރުލުން ދިނުމަށް ހުށަހެޅުއްވި ކަމަށާއި، ނަމަވެސް އީރާނުން އެ ހުށަހެޅުން ނުގަބޫލުކުރި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެއަށްފަހު، އެމެރިކާއިން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ފުނޑުފުނޑުކޮށްލާފައިވާ ކަމަށް ވިދާޅުވެ، އީރާނުގެ ކަނޑުގެ އަސްކަރީ 159 އުޅަނދާއި، ވައިގެ ސިފައިންގެ ބާރުތަކާއި، ރޭޑާ އަދި ވައިގެ ދިފާއީ ނިޒާމުތައް ހަލާކުކޮށްލާފައިވާ ކަމަށް އެމަނިކުފާނު ދައުވާކުރެއްވިއެވެ. މީގެއިތުރުން އީރާނުގެ މިސައިލާއި ډްރޯން އުފެއްދުމުގެ ގާބިލުކަންވެސް ދާތީ ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.

އީރާނުގެ އިގްތިސާދު އިނދަޖެހި، އިންފްލޭޝަން 300 އިންސައްތައަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މީގެއިތުރުން، ނިއުކްލިއާ މަޝްވަރާތަކަށް އެއްބަސްވި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ އީރާނުން ޚިލާފުވެ، ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރި އެހެން ގައުމުތަކުގެ އާންމު އުޅަނދުފަހަރަށް ހަމަލާދީފައިވާ ކަމަށް ތުހުމަތުކުރެއްވިއެވެ. އަދި އެމެރިކާގެ ހަތިޔާރު ހުސްވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، ބޭނުންކުރެވޭ ވަރަށްވުރެ ގިނައިން ހަތިޔާރު އެބަހުރި ކަމަށާއި ހަތިޔާރުގެ ރިޒާވް އިތުރުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާއިރު، އެ ހަނގުރާމައިގައި ތަފާތު އެކި ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް އީރާނުން ބުނެއެވެ. އީރާނުން ވަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސަރަހައްދީ ހަމަލާތަކެއް ދީ، ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މި ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިގެން ގޮސްފައިވާއިރު، ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ.