ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ވައްޓާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ހަގީގަތް ހާމަކޮށްފިއެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަނީ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ނައްތާލުމަށް ހުއްދަ ދެވިފައިވާ އުޅަނދުތަކެއް ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރަމުންދިޔަ މަންޒަރު ކަމަށެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ އެކި ސަބަބުތަކާ ހުރެ ފުލުހުންގެ ބެލުމުގެ ދަށަށް ޓޯކޮށްފައިވާ އުޅަނދުތަކެކެވެ. އަދި އެ އުޅަނދުތައް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި، އެ ތަކެތީގެ ވެރިފަރާތްތަކުން ހަވާލުވެފައިނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އުޅަނދުތަކުގެ ވެރިފަރާތްތަކުން ހަވާލުނުވުމުގެ ސަބަބުން، އެ ތަކެއްޗާ މެދު އަމަލުކުރުމަށް ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ވަނީ ފުރިހަމަކޮށްފައެވެ. އަދި އެއަށްފަހު އެ އުޅަނދުތަކަކީ ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދެވިފައިވާ އުޅަނދުތަކެއް ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.
ވީޑިއޯއިން ފެންނަ މަންޒަރާ ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ، އެއީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ތިލަފުށްޓަށް ކުނީގެ ގޮތުގައި ގެންދިއުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހިނގާދިޔަ ކަމެއް ކަމަށެވެ.
އެގޮތުން އެ އުޅަނދުތައް ގެންގޮސްފައިވަނީ ހުޅުމާލެ ފޭސް 2 އިން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އާންމުވި ވީޑިއޯއިން ފެންނަނީ އެ ޓޯޔާޑަށް އުޅަނދުތައް ގެންގޮސް، ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރަމުންދިޔަ މަންޒަރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ގަވާއިދާ އެއްގޮތަށް ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތަކެއް، ތިލަފުށްޓަށް ގެންދިއުމުގެ ކުރިން ކުނީގެ ގޮތުގައި އެއްތަނަކަށް އެއްކުރުމުގެ މަސައްކަތް ހުޅުމާލެ ފޭސް 2 ގެ ޓޯޔާޑުގައި ކުރިއަށްދިޔަ މަންޒަރުކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ސާފުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!