ރަސްމާލެ ސަރަޙައްދުގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރފްރަންޓަކާއި މެރީނާއެއް ހިމެނޭހެން "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި 20 ބިލިއަން ޔޫއެސް ޑޮލަރުގެ ބޮޑު އިންޓަގްރޭޓެޑް އާބަން މަޝްރޫޢެއް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ވިޔަފާރި އުސޫލުތަކުގެ އެއްބަސްވުމެއްގައި (ކޮމާޝަލް ޓާމްސް އެގްރީމަންޓް) ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓާއި، ޔޫއޭއީގެ އީގަލް ހިލްސް އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ މިފަދަ އެންމެ އުއްމީދީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ކަމަށެވެ.
މި ބަޔާނުގައި ބުނެފައިވާގޮތުގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ މި މަޝްރޫޢާ ގުޅޭ ދެފަރާތުގެ އެއްބަސްވެވޭ ތަޞައްވުރާއި ވިޔަފާރީގެ މައިގަނޑު އުސޫލުތަކެވެ. އަދި މަޝްރޫޢު ކުރިއަށްދާ ވަރަކަށް މީގެ ތަފްޞީލީ ޝަރުޠުތައް އެކުލަވާލެވޭނެކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.
އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ ޚަރަދު ގާތްގަނޑަކަށް 20 ބިލިއަން ޔޫއެސް ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ދިވެހިރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ދުރުރާސްތާގެ ތަޞައްވުރެއްކަމަށް ވެސް އެ ބަޔާނުގައި ބުނެފަވެއެވެ.
"ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކާ އަޅާނުކިޔޭ ފަދަ ޤުދުރަތީ ރީތިކަމަކާއި ބައިނަލްއަޤްވާމީ މަޤްބޫލުކަމެއް ލިބިފައިވާ ޚާއްޞަ ޤައުމެއް، އަޅުގަނޑުމެންގެ އަމާޒަކީ އެ ބާރުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފައި، ހަޤީޤީ މާނައިގައި ދުނިޔޭގެ ފެންވަރުގެ ކަމެއް އުފެއްދުން." މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރު ވިދާޅުވެފަވެއެވެ.
''ދުނިޔޭގެ ފެންވަރުގެ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ، ވޯޓަރފްރަންޓް އަދި މެރީނާ މަންޒިލެއްގެ ގޮތުގައި ތަޞައްވުރު ކުރެވިފައިވާ މި މަޝްރޫޢުގެ ދަށުން، ބައިނަލްއަޤްވާމީ މެހެމާންދާރީގެ ޚިދުމަތްތަކާއި، ފެންވަރު މަތީ ދިރިއުޅޭ ތަންތަނާއި، ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، މޫދު ކައިރީގެ ހިތްފަސޭހަ ވަސީލަތްތަކާއި، ވިޔަފާރި އަދި ކެއިންބުއިމުގެ ޚިދުމަތްތަކާއި، މުނިފޫހިފިލުވުމާއި، ދުޅަހެޔޮކަމާއި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތް އަދި އިޖުތިމާޢީ އެކި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވިގެންދާނެ'' އިންފްރާސްޓަކްޗަރ މިނިސްޓްރީއާއި އީގަލް ހިލްސްގެ ބަޔާނުގައި ބުނެފަވެއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައި ވަނީ އީގަލް ހިލްސް އަދި އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރަކީ، ދިރިއުޅުމަށް ބޭނުންވާ މާޙައުލުތައް މާސްޓަރ ޕްލޭންކޮށްގެން އުފެއްދުމުގެ މޭސްތިރިއެއްކަމަށެވެ.
''ޑައުންޓައުން ދުބާއީ ބިނާކުރުމުން ފެށިގެން ބެލްގްރޭޑް ވޯޓަރފްރަންޓާއި ދުނިޔޭގެ ތިން ބައްރެއްގައި ތަރައްޤީކޮށްފައިވާ މަންޒިލްތަކަށް ބަލާއިރު، ސިޓީއެއްގެ ފެންވަރުގެ ބޮޑެތި މަންޒިލްތައް ބިންގަލުން ފެށިގެން ބިނާކުރުމުގައި ދުނިޔޭގެ ރިއަލް އެސްޓޭޓް ދާއިރާގައި މިފަދަ ޤާބިލުކަމެއް ހުރި ނަންތައް ވަރަށް މަދު، މިއީ ރަސްމާލެއަށްޓަކައި އަޅުގަނޑުމެން ކަށަވަރުކުރި ފެންވަރު ރަނގަޅު ބައިވެރިވުން." މުއްތަލިބު ވިދާޅުވެފަވެއެވެ.
އެ ބަޔާނުގައި ބުނެފައިވާގޮތުގައި މި މަޝްރޫޢު ބިނާވެފައިވަނީ ދިވެހިރާއްޖޭގެ ބްރޭންޑަށް ދުނިޔޭގައި ލިބިފައިވާ އާދަޔާޚިލާފު މަޤްބޫލުކަމުގެ މައްޗަށެވެ. ޤުދުރަތީ ރީތިކަމާއި، ނަމޫނާ މެހެމާންދާރީއާއި، ރަށްތަކުގެ ޚާއްޞަ ހިތްގައިމުކަމުގެ ސަބަބުން ދުނިޔޭގެ އެހެން އެއްވެސް މަންޒިލަކަށް ފަސޭހައިން ނަކަލު ނުކުރެވޭނެ ފަދަ ވަރުގަދަ މަޤާމެއް ރާއްޖެއިން ވަނީ ހޯދާފައެވެ. މި މަޝްރޫޢުގެ ސަބަބުން މި ތާރީޚީ ކާމިޔާބީ އިތުރަށް ފުރިހަމަވެ، ދުނިޔެއަށް މަޝްހޫރު ރިޒޯޓް ދާއިރާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އައު ޖީލެއްގެ އިންޓަގްރޭޓެޑް އާބަން، މެހެމާންދާރީ އަދި މެރީނާގެ ތަޖުރިބާތަކެއް ލިބިގެންދާނެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި މި މަޝްރޫޢުގެ މައިގަނޑު އަސާސަކަށް ވާނީ، ކަނޑުގެ ރީތިކަމާ ގުޅުވައިގެން ހޮޓާތަކާއި ރިޒޯޓްތައް، ފެންވަރު މަތީ ރެސިޑެންސްތައް، ބްރޭންޑެޑް ރެސިޑެންސްތައް، މެރީނާގެ ޚިދުމަތްތައް، ހިތްގައިމު ހިނގާ މަގުތައް، ކެއިންބުއިމާއި ވިޔަފާރި، ދުޅަހެޔޮކަމާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް އެކުލެވިގެންވާ ބައިނަލްއަޤްވާމީ ފެންވަރުގެ މުހިންމު މަންޒިލެކެވެ. ތަޢުލީމާއި، ޞިއްޙީ ޚިދުމަތްތަކާއި، މުޖުތަމަޢުގެ އުމްރާނީ ވަސީލަތްތަކުގެ އިތުރުން ފެންވަރު ރަނގަޅު އާންމު ހުސް ޖާގަތަކާއެކު، ފަތުރުވެރިކަމާއި، ދިރިއުޅުމުގެ ވެށްޓާއި އަދި އަހަރުގެ ހުރިހާ ދުވަހަކުވެސް ހިނގަމުންދާނެ އިޤްތިޞާދީ ޙަރަކާތްތައް އެކުލެވިގެންވާ ފުރިހަމަ ވެއްޓެއް މި މަޝްރޫޢުގެ ދަށުން ޤާއިމުވެގެންދާނެކަމަށް ވެސް އެ ބަޔާނުގައި ބުނެފަވެއެވެ.
''މި ތަރައްޤީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް އިތުރަށް ފުޅާވެ، ޒިޔާރަތްކުރުމަށާއި، ގިނަ ދުވަހު މަޑުކުރުމަށާއި، އަލުން އެނބުރި އައުމަށާއި އަދި އިންވެސްޓްކުރުމަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން އައު ފަންތިތަކުގެ ފަތުރުވެރިން ޝައުޤުވެރިކުރުވައި، ދުނިޔޭގައި ފަތުރުވެރިކަމާއި ދިރިއުޅުމަށް އެންމެ އެދެވޭ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ އޮތް މަޤާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. މި މަޝްރޫޢު ފުރިހަމައަށް ތަރައްޤީވެ ނިމުމުން، އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް މަރުޙަބާ ކިޔައި، ފަތުރުވެރިކަމުން އަހަރަކު 2 ބިލިއަން ޔޫއެސް ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.'' ގުޅިފައިވާ ބަޔާނުގައި ބުނެފަވެއެވެ.
ޕްލޭން ކުރުމުގެ މަރުޙަލާއިން ފެށިގެން މަޝްރޫޢު ނިންމުމާ ހަމައަށްވެސް މަސައްކަތް ކުރިއަށްދާނީ ޒިންމާދާރު ތަރައްޤީއާއި ތިމާވެށި ރައްކާތެރިކުރުމުގެ އުޞޫލުތަކުގެ މައްޗަށްކަން ކަށަވަރުކޮށްދެމުން އެ ބަޔާނުގައި ބުނީ، މާސްޓަރޕްލޭން އެކުލަވާލެވިގެންދާނީ ކަނޑާއި ރާއްޖެއާ ދެމެދު އޮތް ޚާއްޞަ ގުޅުމަށާއި، ނާޒުކު ކަނޑުގެ ދިރުންތަކަށް ވަރަށް ބޮޑަށް ރިޢާޔަތްކޮށް، ދެމެހެއްޓެނިވިކަމާއި، ވިލުންވެރި އުމްރާނީ ވަސީލަތްތަކާއި، ޒިންމާދާރުކަމާއެކު ބިން ތަރައްޤީކުރުމާއި އަދި ޤުދުރަތީ ވެށި ޙިމާޔަތްކުރުން އެކުލެވޭ ގޮތަށްކަމަށެވެ.
"ރާއްޖެއަށް ބަލާއިރު މިއީ އަޅުގަނޑުމެންގެ ތާރީޚުގައިވެސް ކުރިއަށްގެންދެވޭ އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމް، އަޅުގަނޑުމެންގެ ބޭންކިންގ ނިޒާމުގެ ތެރެއިން ދިހަވަރަކަށް ބިލިއަން ޑޮލަރުގެ އެތެރޭގެ އިންވެސްޓްމަންޓް ދައުރުވެ، 54،000 އަށް ވުރެ ގިނަ ވަޒީފާއާއި، ދިވެހި ޢާއިލާތަކަށް އެތައް ހާސް ގެދޮރެއް އުފެދި، އަދި ސަރުކާރުން އެއްވެސް ދަރަންޏެއް ނުނަގައި ދުނިޔޭގެ ފެންވަރުގެ އުމްރާނީ ވަސީލަތްތައް ޤާއިމުކުރެވި، ކޮންމެ އަހަރަކުވެސް ދައުލަތަށް ސީދާ އާމްދަނީ ލިބިގެންދާނެ." މަޝްރޫޢުއާއި ގުޅޭގޮތުން މިނިސްޓަރު މުއްޠަލިބު އިތުރަށް ވިދާޅުވިކަމަށް ބަޔާނުގައިވެއެވެ.
މި ބަޔާނުގައި ބުނެފައިވާގޮތުގައި މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ ވެގެންދާނީ ރާއްޖެއަށް ބައިނަލްއަޤްވާމީ މާލީ އިންވެސްޓްމަންޓްތައް ގެނައުމަށް އެޅޭ ވަރަށް މުހިންމު އައު ބިންގަލަކަށެވެ. އިޤްތިޞާދީ ގޮތުން ކުރާނެ އަސަރުތަކުގެ ފުރަތަމަ އަންދާޒާތަކުން ދައްކާ ގޮތުގައި، މި މަޝްރޫޢުގެ ޙަޔާތުގައި 20 ބިލިއަން ޔޫއެސް ޑޮލަރަށް ވުރެ ގިނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (ސީދާ ބޭރުގެ އިންވެސްޓްމަންޓް) ޝައުޤުވެރިކުރެވިދާނެއެވެ. މިގޮތަށް މެދުނުކެނޑި ބައިނަލްއަޤްވާމީ ރައުސްމާލު އެތެރެވުމަކީ މުޅި ދިވެހި އިޤްތިޞާދުގައި ދިގު މުއްދަތުގެ އަގުހުރި ކުރިއެރުމެއް އުފެދުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެއިތުރުން، މި ތަރައްޤީގެ ސަބަބުން އުފެދޭ ފުޅާ ޙަރަކާތްތަކަކީ ދައުލަތުގެ އާމްދަނީއަށް ބޮޑު އެހީތެރިކަމެއް ލިބި، މެހެމާންދާރީ، ޢިމާރާތްކުރުން، ވިޔަފާރި، މެރިން ސަރވިސަސް، ޓެކްނޮލޮޖީ އަދި އެހެނިހެން ދާއިރާތަކުގެ ކުރިއެރުމަށް ބާރުއަޅާނެ ކަމެއް ކަމަށް ބެލެވޭކަމަށް ވެސް އެ ބަޔާނުގައި ބުނެފަވެއެވެ.
މި މަޝްރޫޢުގެ ޙަޔާތުގައި، ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވާއިރު، މި ޙަރަކާތްތަކުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ އައު ދޮރުތައް ހުޅުވި، ރާއްޖޭގެ ސަޕްލައި ޗޭންތައް ވަރުގަދަވެ، އަދި ރާއްޖޭގެ ވިޔަފާރިތަކަށާއި، ސަޕްލަޔަރުންނަށާއި، ފަންނީ ޚިދުމަތްތަކަށް އޮންނަ ޑިމާންޑް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވެގެންދާނެކަމަށް ބަޔާނުގައި ބުނެފަވެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގައި އުފެދޭ އިޤްތިޞާދީ މަންފާގެ ބޮޑު ބައެއް ރާއްޖޭގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެކަމަށް ވެސް ބުނެފަވެއެވެ.
ފަތުރުވެރިކަމާއި، މެހެމާންދާރީއާއި، ދިރިއުޅޭ މުޖުތަމަޢުތަކާއި އަދި ވިޔަފާރިތައް އެއްފުރާޅެއްގެ ދަށަށް ގެނައުމާއެކު، މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާގެ އަމާޒަކީ ބައިނަލްއަޤްވާމީ އިންވެސްޓްމަންޓްތަކަކީ ރާއްޖެއަށާއި ރައްޔިތުންނަށް ދެމެހެއްޓެނިވި އިޤްތިޞާދީ އަގުތަކަކަށް ހެދުންކަމަށާއި، އަދި ހަމައެއާއެކު، ދުނިޔޭގެ ފެންވަރުގައި ރާއްޖެއަށް ލިބިފައިވާ މަތިވެރި ޤަދަރާ އެކަށޭނަ، ފުރިހަމަ ވޯޓަރފްރަންޓް އަދި މެރީނާ މަންޒިލެއް ޤާއިމުކުރުންކަމަށް ވެސް ގުޅިފައިވާ ބަޔާނުގައި ބުނެފަވެއެވެ،
"އެންމެ މުހިންމު ކަމަކީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ، ހަރުދަނާ އޮނިގަނޑެއްގެ މައްޗަށް އެކުލެވޭ ރިއަލް އެސްޓޭޓް ދާއިރާއެއް ޤާއިމުވެގެންދިއުން، މިއީ ފަތުރުވެރިކަމާ އެއްވަރަށް އަޅުގަނޑުމެންގެ އިޤްތިޞާދުގައި ތެދުވެގެންދާނެ އައު ތަނބެއް،" މިނިސްޓަރު މުއްތަލިބާއި ހަވާލާދީ ބަޔާނުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!