ހއ. މުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ ފަރާތުން އެ ރަށު ބޮނބިފަންނު ބީޗުގައި އާންމުން ބޭނުންކުރުމަށްޓަކައި ޖޯލިފައްޗާއި، މޭޒު އަދި ގޮނޑި ބަހައްޓައިފިއެވެ.

ބޮނބިފަންނު ބީޗު ޒީނަތްތެރި ކުރުމަކީ، އެރަށުގައި ފެށުމަށް ތައްޔާރުވެފައިވާ "މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް" އާ ގުޅިގެން ރަށުތެރެ ރީތި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ކޮށްފައިވާ އަގުހުރި މަސައްކަތެކެވެ.

Ad
rt

މުރައިދޫ ބަނދަރުމަތީގައި އޮންނަ ބޮނބިފަންނު ބީޗަކީ އެންމެންގެ ހިތްތަކަށް ފިނިކަން ގެނެސްދޭ، ހިތްގައިމު މަންޒިލެކެވެ. ދާދި ފަހުން މަރާމާތު ކުރެވުނު މި ބީޗަކީ، އާއިލީ ހަވީރުތަކާއި، ރައްޓެހިންނާއެކު ސައްލާކޮށްލުމަށް މިހާރު މުރައިދޫގައި ހުރި ފުރިހަމަ އެއް މައިޒާނެވެ.

މުރައިދޫގެ ބޮނބިފަންނު ބީޗު މަރާމާތުކޮށް، ޒީނަތްތެރި ކުރުމުގެ މަސައްކަތުގައި، ކައުންސިލްގެ މުވައްޒަފުންނާއި، ފެނަކަ ކޯޕަރޭޝަން މުރައިދޫ ބްރާންޗް އަދި އާރުޑީސީ މުރައިދޫ ސައިޓްގެ މުވައްޒަފުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް، އތމ ކޮމިޓީން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން އެރަށުގައި ބާއްވާ " މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026" ހއ. އާއި ހދ. އަތޮޅުގެ 10 ރަށަކުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ ތައްޔާރީގެ ތެރެއިން މުރައިދޫ ޕޮލިހާއި، ދިއްދޫ ޕޮލިހުގެ އެހީތެރިކަމާއެކު އެރަށު މޮނިއުމެންޓް ވެސް ވަނީ މަރާމާތުކޮށްފައެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.