ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ކައިރިންނެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad
rt

އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. މި ދެ މީހުންނަށްވެސް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވާފައިވަނީ އެއްގަމު އުޅަނދު ލައިސަންސް އޮންނަ މީހެއްކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓެކްސީއެއް އޮތީ މަގުގެ އެއް އަރިމަތީގައި އޮންނަ ސައިކަލު ލޭނުގައި މަޑުކޮށްގެންނެވެ. އަދި އެ ޓެކްސީގެ ކުރިމަތީގައި ސައިކަލެއް ވެއްޓި، ކަހައިގެން ގޮސްފައި އޮތް މަންޒަރު ފެންނައިރު، އަނިޔާވި ކުއްޖާގެ ބޮލުން ގިނަ އަދަދަކަށް ލޭ އައިސްފައިވާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.