"އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅު ބުރުގެ ފައިނަލްގެ ދެވަނަ ޖާގަ ނައިވާދޫ ކަށަވަރުކޮށްފިއެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި އުފުލާލައި، ރާއްޖޭގެ ފުޓްސަލް ރަސްގެފާނުގެ މަގާމުގައި މިވަގުތު އޮތް ނައިވާދޫ މިރޭ ކުޅުނު ހދ. އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗު ކާމިޔާބުކުރީ ނޮޅިވަރަންފަރާއި ބައްދަލުކުރި މެޗު 5-0 އިން ކާމިޔާބުކޮށްގެންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ނޮޅިވަރަންފަރުން ވަނީ ގަދަފަދަ ނައިވާދޫ ހިފަހައްޓައި ލަނޑެއްޖެހި ނުދީ ހާފު ނިންމާލާފައެވެ. މި ހާފުގައި ނޮޅިވަރަންފަރު ބޮޑަށް ކުޅުނީ ޑިފެންސިވް ކުޅުމެކެވެ. ނަމަވެސް އެ ޓީމުން ވެސް ވަނީ ހަމަލާތަކެއް އުފައްދާފައެވެ. ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ކިންގަކަށް ހޮވުނު އެ މުބާރާތުގެ ނައިވާދޫގެ ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓޭ) އާއި ކީޕަރު ނާޖިހް އާއި އެ މުބާރާތުގައި ފެނުނު ގިނަ ތަރިންނާއެކު ކުޅުނު މި މެޗުގައިފުރަތަމަ ހާފުގައި ނައިވާދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުނަމަވެސް ނޮޅިވަރަންފަރުގެ ގޯލު ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.

މި މެޗުގެ ނަތީޖާ ނައިވާދޫ ކޮޅަށް އަނބުރާލީ ފަހު ހާފުގައެވެ. ފަހު ހާފު ފަށައި ދެވަނަ މިނިޓްގައި ނައިވާދޫ ވަނީ ނޮޅިވަރަންފަރުގެ ގޯލު ހުޅުވާލައި ފުރަތަމަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖަހައިދިނީ ނައިވާދޫގެ މުހައްމަދު އަސްލަމް (މޯންޑޭ)އެވެ. އެއިގެ ހައެއްކަ މިނިޓް ފަހުން ވިސާމްގެ ޕާހަކުން މޯންޑޭ ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ނައިވާދޫ އަށް ޖަހައިދީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މެޗުގެ ފަހު ހާފުގެ ދިހަވަނަ މިނިޓްގައި ޝާއިންގެ ލަނޑަކުން ނައިވާދޫ ވަނީ ފަރަގު ބޮޑުކޮށްފައެވެ. ނައިވާދޫގެ ހަތަރު ވަނަ ގޯލު ވެސް ޖަހައިދީފައި ވަނީ ޝާއިންއެވެ. ނައިވާދޫގެ ފަސްވަނަ ގޯލު ޖަހައިދިނީ ވިސާމް އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނައިވާދޫގެ މުހައްމަދު އަސްލަމް (މޯންޑޭ) އެވެ.

މި ނަތީޖާއާއެކު 23 ވަނަ ދުވަހު އޮންނަ ފައިނަލްގައި ކުޅޭނީ ހަނިމާދޫ އާއި ނައިވާދޫ އެވެ.