ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 20 މީހުން ޝަހީދުވެއްޖެއެވެ.
އޮކްޓޫބަރު 2025 ގައި އިއުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުގެ ވައިގެ ހަމަލާތަކާއި ޑްރޯން ހަމަލާތައް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޣައްޒާއަށް ދަނީ ދެމުންނެވެ.
މީގެ އިތުރުން، ޖެނުއަރީ 2024 ގައި އުމުރުން ފަސް އަހަރުގެ ހިންދު ރަޖަބާއި އޭނާގެ އާއިލާގެ ހަ މެންބަރަކު މަރާލި މައްސަލައިގެ ޖިނާއީ ތަހުގީގެއް އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ވަނީ ފަށާފައެވެ. ހިންދުގެ އާއިލާ އެ ސަރަހައްދު ދޫކޮށް ދާން މަސައްކަތް ކުރަމުން ދަނިކޮށް، އިސްރާއީލުގެ ޓޭންކަކުން އެމީހުންގެ މަގު ބަންދުކޮށް، ކާރު ތެރޭގައި ތާށިވެފައި ތިއްބާ ވަނީ ބަޑިޖަހައި މަރާލާފައެވެ.
މި ހާދިސާގައި ޝަހީދުވި މީހުންގެ ތެރޭގައި ހިންދުގެ 15 އަހަރުގެ ދެބެންގެދެދަރި ދައްތަ، ލަޔާން ވެސް ހިމެނެއެވެ. ލަޔާން ވަނީ ޝަހީދުވުމުގެ ކުރިން އެހީތެރިކަމަށް އެދި ޕެރަމެޑިކުންނަށް ގުޅައިފައެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި އެއްވެސް ޓޭންކެއް އަދި ސިފައިންގެ މީހަކުވެސް ނެތް ކަމަށް ބުނެ އިސްރާއީލުން ފުރަތަމަ މިކަމުގެ ޒިންމާ ނަގަން ދެކޮޅު ހެދިއެވެ. ނަމަވެސް، ދަ ވޮޝިންޓަން ޕޯސްޓް އަދި އދ. އިން ކުރިއަށްގެންދިޔަ މިނިވަން ތަހުގީގުތަކުން ސާބިތުވެފައިވަނީ މި ހަމަލާގެ ޒިންމާ ނަގަންޖެހޭނީ އިސްރާއީލުގެ ސިފައިން ކަމަށެވެ.
ޣައްޒާގައި ހިތާމައިގައި ތިބި އާއިލާތަކަށް އިންސާފު ހޯދުމުގެ ފުރަތަމަ ފިޔަވަޅަކީ އެމީހުންނަށް ލިބުނު ބޮޑު ގެއްލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަތުމެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން ހިސާރުކޮށްފައިވާ އެ ސަރަހައްދުގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު 73،409 އަށް އަރާފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުދަ ދުވަހު ވަނީ ބުނެފައެވެ.
އިސްރާއީލުގެ ސިފައިން އެކި ސަރަހައްދުތަކަށް ބޮންއަޅައި ބަޑީގެ ހަމަލާތައް ދީގެން އޮކްޓޯބަރު 2025 ގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާއިރު، މީހުން މަރުވާން މެދުވެރިވި ސަބަބުތަކުގެ ތަފްސީލެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ. އަދިވެސް ގިނަ އަދަދެއްގެ މީހުންގެ ހަށިތައް ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައާއި މަގުތަކުގެ މަތީގައި ތާށިވެފައިވާ ކަމަށާއި، އެމްބިއުލާންސާއި މަދަނީ ދިފާޢީ ޓީމުތަކަށް އެމީހުންނާ ހަމައަށް އަދިވެސް ވާސިލުވެވިފައި ނުވާ ކަމަށް އެ ވުޒާރާއިން އިތުރަށް ބުންޏެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ ދިން ހަމަލާތަކުގައި ފަލަސްތީނުގެ 1،273 މީހުން ޝަހީދުވެ، 4،223 މީހުން ޒަޚަމްވެފައިވެއެވެ.
އިސްރާއީލުގެ ޤަތުލުއާންމުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 73،409 އަށް އަރާފައިވާއިރު، ޒަޚަމްވި މީހުންގެ އަދަދު ވަނީ 174،335 އަށް އަރާފައެވެ.
މީހުންގެ ފުރާނަ ގެއްލުމުގެ އިތުރުން، އިސްރާއީލުގެ މި ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، ޣައްޒާގެ އާންމު ޚިދުމަތްތަކާ ގުޅޭ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ހަލާކުވެފައެވެ. އަދި ޣައްޒާ އަލުން އާރާސްތުކުރުމަށް ގާތްގަނޑަކަށް 70 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އދ. އިން ވަނީ އަންދާޒާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!