އާންމު ރައްޔިތުންނާއި އެހީދޭ ފަރާތްތައް ޙިމާޔަތްކުރުމުގައި ދުނިޔެ ނުކުޅެދިފައިވާ މިންވަރު ޣައްޒާއަށްވުރެ ބޮޑަށް އެހެން އެއްވެސް ތަނަކުން ފެންނާކަށް ނެތްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ، ބައިނަލްއަޤްވާމީ އިންސާނީ އެހީތެރިކަމުގެ ދުވަހު، އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންސާނީ އެހީތެރިންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވާ ކަމަށެވެ. އަދި އިންސާނީ އެހީތެރިކަމަށް ބޭނުންވާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، އާންމު ރައްޔިތުންނާއި އެހީދޭ ފަރާތްތައް ޙިމާޔަތްކުރުމުގައި ދުނިޔެ ނުކުޅެދިފައިވާ މިންވަރު އެންމެ ބޮޑަށް ފެންނަނީ ޣައްޒާއިން ކަމަށްވެސް ވިދާޅުވިއެވެ.
''އިންސާނީ އެހީތެރިކަމަށް ބޭނުންވާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ޢާންމު ރައްޔިތުންނާއި އެހީދޭ ފަރާތްތައް ޙިމާޔަތްކުރުމުގައި ދުނިޔެ ނުކުޅެދިފައިވާ މިންވަރު ޣައްޒާއަށްވުރެ ބޮޑަށް އެހެން އެއްވެސް ތަނަކުން ފެންނާކަށް ނެތެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއި، އެހީދޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ އަނިޔާވެރި ޢަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކުރާ ހިނދު، ވަގުތުން ވަގުތަށް ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ދިވެހިރާއްޖެއިން ކުރާ ގޮވާލުން ތަކުރާރުކުރަމެވެ.'' ރައީސް ވިދާޅުވެފަވެއެވެ.
މީގެއިތުރުން، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއި، އެހީދޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ އަނިޔާވެރި އަމަލުތައް ދިވެހިރާއްޖެއިން ކުށްވެރިކުރާ ކަމަށާއި، ވަގުތުން ވަގުތަށް ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ރާއްޖެއިން ކުރާ ގޮވާލުން ތަކުރާރުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، އިންސާނީ ޚިދުމަތުގައި މަސައްކަތްކުރާ ފަރާތްތަކާއި، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެންމެ މަތިވެރި ޤުރުބާނީ ވެފައިވާ ފަރާތްތަކުގެ ޒިކުރާ އާކުރައްވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ހިތްވަރުން ލާޒިމުކުރަނީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތައް ނެގެހެއްޓުމަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އިންސާނީ ޚިދުމަތްތެރިންގެ ދުވަސް ކޮންމެ އަހަރެއްގެ އޮގަސްޓް 19 ގައި ފާހަގަކުރަނީ، ކާރިސާތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ފުރާނަ ނުރައްކަލަށް ހުށަހަޅާ އަދި ފުރާނަ ގެއްލިގެންދާ އެހީތެރިންގެ ޒިކުރާ އައުކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމަށެވެ. އދ. އިން ކަނޑައަޅާފައިވާ މި ދުވަހަކީ 2003 ވަނަ އަހަރު ބަޣުދާދުގައި ހުންނަ އދ. ގެ މައި އޮފީހަށް ދިން ބޮމުގެ ހަމަލާގެ ހަނދާން އައުކޮށްދޭ ދުވަހެކެވެ. މި ދުވަހުގެ މައިގަނޑު އަމާޒަކީ އާންމު ރައްޔިތުންނާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ރައްކާތެރިކަން ހޯދައިދިނުމަށް ގޮވާލުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!