ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާޒުގެ އޮފީހުން ހުޅުވައިލައިފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

މި މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ފުރަތަމަ ހުޅުވައިލީ ޖުލައި 13 ގައެވެ. އެއިރު ކުރިމަތިލުމަށް ދިން ސުންގަޑިއަކީ 28 ޖުލައި 2026 އެވެ.

Ad
rt

ރައީސް އޮފީހުން މިއަދު ބުނީ މިހާރު ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 17 އޮގަސްޓު ވާ ހޯމަ ދުވަހުގެ 12:00 ކަމަށެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، އެ އޮފީހުގެ ވެބްސައިޓް (presidency.gov.mv) އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާ އެ މަޤާމަށް އައްޔަންކުރެއްވުމަށް ފެންނަ ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، މަޖިލީހުން އެ ނަމެއް ފާސްކުރުމުންނެވެ. ޤާނޫނުގައިވާ ގޮތުން، މަޤާމަށް ނަން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ބޭފުޅަކު އައްޔަންކުރަންޖެހެއެވެ.

މި މަޤާމަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު" ގެ ދަށުން އައްޔަން ކުރަންޖެހޭ މަޤާމެކެވެ. މި ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ އެންމެ އިސްވެރިއަކީ ޗީފް ސްޓެޓިސްޓީޝަނެވެ. މީގެ އިތުރުން، ބިއުރޯއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ފަރާތަކީވެސް މި މަޤާމަށް އައްޔަންކުރެވޭ ބޭފުޅެކެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނަކީ ރާއްޖޭގެ ތަފާސްހިސާބާބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ބޭފުޅަކު އައްޔަންކުރެއްވީ 21 އޯގަސްޓް 2021 ގައެވެ. އެ މަޤާމަށް އޭރު އައްޔަންކުރެއްވީ ތަފާސްހިސާބުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޢާއިޝަތު ޙަސަނެވެ.