ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތަކަށް ހާޒިރުވެގެން ބައިވެރިވާންޖެހޭ ގޮތަށް ބާ ކައުންސިލުން ގެނެސްފައިވާ އިސްލާހަށް ޢަމަލުކުރަން ފެށުން ފަސްކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

ބާ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި އުސޫލަށް ޢަމަލުކުރަން ފެށުން 1 ޖެނުއަރީ 2027 އަށް ފަސްކުރަން އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީން 28 ޖުލައިގައި ނިންމާފައިވާ ކަމަށެވެ. ކުރިން މި އުސޫލަށް އަމަލުކުރަން ފަށަން ނިންމާފައި އޮތީ 1 އޯގަސްޓް 2026 އިން ފެށިގެންނެވެ.

Ad
rt

މި ތާރީޚު ފަސްކުރުމަށް ނިންމީ، އާ އުސޫލުގައި ހިމެނޭ ބަދަލުތަކަށް އޯގަސްޓް މަހުން ފެށިގެން އަމަލުކުރަން ފަށައިފިނަމަ، ގާނޫނީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް ކުރިމަތިވެދާނެ އިދާރީ އަދި ފަންނީ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ.

ބާ ކައުންސިލުން ވަނީ އުސޫލަށް ގެނައި ބަދަލާއި ގުޅިގެން ލިބުނު ބިނާ ކުރުވަނިވި މަޝްވަރާތައް އެކައުންސިލުން ބަލައިގަންނަކަމަށް ވެސް ބުނެފައެވެ.

ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ޖުލައި 20 ހިސާބުގައި ކަނޑައެޅި އާ މިންގަނޑުތަކުގެ ތެރޭގައި، އިމްތިހާނުތަކަށް ހާޒިރުވާންޖެހުމުގެ އިތުރުން، ކޯސްތައް އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތައް ވެސް ހިމެނެއެވެ.

ރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމަށް ބޭނުންވާ ޑިގްރީގެ އެންމެ ދަށް މިންގަނޑު ކަނޑައެޅުމާއި، ގާނޫނީ ދާއިރާގެ ކޯސްތަކަށް ހުއްދަ ދިނުމަކީ ގާނޫނީ ގޮތުން ބާ ކައުންސިލަށް މަތިކޮށްފައިވާ ޒިންމާއެކެވެ.