އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނުންގެ ޖަމިއްޔާއެއް ކަމަށްވާ "ޕްރޮޖެކްޓް ތިމާވެށި" އިން އިސްނަގައިގެން، ކުޅުދުއްފުށި ސިޓީގައި ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން "ސަތުހައްޓި" ނަމުގައި ޚާއްސަ ވޯކްޝޮޕްއެއް ކުރިއަށް ގެންގޮސްފިއެވެ.
މި ވޯކްޝޮޕް ކުރިއަށް ގޮސްފައިވަނީ މި ޖުލައި މަހުގެ 17 އިން 19 ގެ ނިޔަލަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ތިން ދުވަހުގެ ވޯކްޝޮޕަކީ ދިވެހި ޒުވާނުންގެ މެދުގައި ސަސްޓެއިނަބިލިޓީ ނުވަތަ ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ލޯކަލް ތަރައްޤީއާ ގުޅޭ މުހިންމު މައުޟޫތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ހަރަކާތެކެވެ.
މި ވޯކްޝޮޕްގެ ތެރެއިން ތަޢުލީމީ ސެޝަންތަކާއި، އެކި ސައިޓްތަކަށް ކުރެވުނު ޒިޔާރަތްތަކުގެ އިތުރުން ގުރޫޕް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހަރަކާތުގެ މައިގަނޑު އެއް މަޤްޞަދަކީ މުޖުތަމައުގެ ބޭނުންތައް ދެނެގަނެ، ދެމެހެއްޓެނިވި ތަރައްޤީއަށް ރަށު ފެންވަރުގައި ހޯދިދާނެ ހައްލުތަކާ ބެހޭގޮތުން ޒުވާނުންގެ މެދުގައި ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން ސަސްޓެއިނަބިލިޓީ އަދި ގަވަރނަންސް ފަދަ މުހިންމު ދާއިރާތަކުގައި ޒުވާނުންގެ ބައިވެރިކަން މިހާރަށްވުރެ ބޮޑަށް އިތުރުކުރުމަށްވެސް މި ވޯކްޝޮޕްގައި ބާރުއަޅާފައިވެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ޒުވާނުން ގުޅިގެން ތިމާވެށީގެ ރައްކާތެރިކަމާއި ތަރައްގީގެ މަސައްކަތްތަކުގައި ބައިވެރިވުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއްގެ ގޮތުގައި ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!