މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް މިއަދު ޢައްޔަނުކުރަށްވައިފިއެވެ.

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޝަކީލު ވަނީ އީސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްފާޟިލް މުޙައްމަދު ޝަކީލާއި ޙަވާލުކޮށްދެއްވާފައެވެ.

އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޝަކީލް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވަނީ ރުހުން ދީފައެވެ. އޭނާ މި މަގާމަށް ޢައްޔަނުކުރަން ފެންނަކަމަށް ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ހަތް މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަގާމާއި މެންބަރުގެ މަގާމުން މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒާހިދު އިސްތިއުފާދެއްވީ ލޯކަލް އިންތިޚާބަށްފަހު ކުއްލި ގޮތަކަށެވެ.

ޝަކީލް ވަނީ 3 ޑިސެންބަރު 2014 އިން ފެށިގެން 9 މޭ 2018 އާ ހަމައަށް އީސީގެ މެންބަރުކަން ކުރައްވާފައެވެ. އަދި 1 ސެޕްޓެންބަރު 2013 އިން 3 ޑިސެންބަރު 2014 އަށް އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމްގެ ސަރުކާރުގައި އީސީ މެމްބަރުކަމުން ޝަކީލް އިސްތިއުފާދެއްވުމުން ފަހުން ޢައްޔަނުކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.