ހދ. ހަނިމާދޫ ފުއްޓަރު ސަރަޙައްދުގައި މަސްވެރިކަމަށް ހާއްސަ ޓީ-ޖެޓީއެއް އެޅުމަށްޓަކައި ކުރަންޖެހޭ ސާރވޭތަކާއި ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން ބުނީ މި މަޝްރޫޢަކީ އެ ރަށުގެ މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު 14 ޖޫން 2026 އިން ފެށިގެން 21 ޖޫން 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މަޢުލޫމާތު ސާފުކުރުމަށް ރަޖިސްޓްރީ ކުރަންޖެހޭނީ 21 ޖޫން ވާ އާދީއްތަ ދުވަހުގެ 11:30 ގެ ކުރިން އޮންލައިން ފޯމެއް މެދުވެރިކޮށެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި ހަނިމާދޫ ކައުންސިލްގެ މީޓިންގ ރޫމުގައެވެ. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމާ ގުޅޭ އިތުރު މަޢުލޫމާތުތައް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
ކައުންސިލުން ބުނި ގޮތުގައި މި ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ. މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ހަނިމާދޫ ކައުންސިލްގެ އިދާރާގެ ފޯން ނަންބަރު 4002064 ނުވަތަ info@hanimaadhoo.gov.mv އީމެއިލް މެދުވެރިކޮށް ގުޅުމަށް ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!