ފިލިޕީންސް، ނެދަލެންޑްސް އަދި ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ވަކިވަކިން ބޭއްވި ތިން ރަސްމިއްޔާތެއްގައި މި ބޭފުޅުން ވަނީ ފަތްކޮޅު އަރުވާފައެވެ.
ރިޕަބްލިކް އޮފް ފިލިޕީންސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނީނާ ޕީ. ކައިންޖްލެޓް ފަތްކޮޅު އެރުވުމަށްފަހު ރައީސާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ސަފީރުގެ ވާހަކަފުޅުގައި ރާއްޖޭގައި މަސައްކަތްކުރާ ފިލިޕީންސްގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭ މެހުމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ. ރާއްޖެއާއި ފިލިޕީންސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 12 ޖުލައި 1974 ގައެވެ.
ކިންގްޑަމް އޮފް ނެދަލޭންޑްސްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވެއިބެ ޖޭކޮބް ޑި ބޮއަރ ވެސް މިއަދު ވަނީ ފަތްކޮޅު އަރުވާފައެވެ. މި ބައްދަލުކުރެއްވުމުގައި އުމްރާނީ ތަރައްޤީއާއި، މޫސުމީ ބަދަލުތައް އަދި އިންސާނީ ޙައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ރާއްޖެއާއި ނެދަލެންޑްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 3 ސެޕްޓެންބަރ 1979 ގައެވެ.
ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ރެމީ ލޮބޭޚް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ފަތުރުވެރިކަމާއި، ކަނޑުދަތުރުފަތުރާއި، ކަނޑުތައް ހިމާޔަތްކުރުމުގެ އިތުރުން ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ފަރަންސޭސިވިލާތާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 20 މެއި 1969 ގައެވެ.
މި ތިން ސަފީރުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައެވެ. އެމްއެންޑީއެފްގެ ބެރު ދުންމާރި ތާޅަފިލީގެ ހެވިކަމުގެ ލަޝްކަރާއެކު ސަފީރުންނަށް ވަނީ ރަސްމީ މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ސަފީރުންނަށްވެސް ތަހުނިޔާ ވިދާޅުވެ، އެ ބޭފުޅުންގެ ދައުރުގައި ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!