ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް މޯލްޑިވްސް ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިކަން އިޢުލާނު ކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

ރައީސް ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުމާއި، އަހަރުން އަހަރަށް ޔަޤީންކަމާއެކު ލިބޭ ބަޖެޓެއް ނެތުން ކަމަށެވެ.

މިއަދު ނިންމެވި މި ނިންމެވުމާއެކު، ކޮންމެ އަހަރަކު ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ އާންމު ބަޖެޓުގެ އިތުރުން، ގްރީން ފަންޑުން 7 މިލިއަން ރުފިޔާ މި މަސައްކަތްތަކަށް ހާއްސަކުރެވޭނެއެވެ. މީގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށް ދެވޭ އަހަންމިއްޔަތުކަން އިތުރަށް ހަރުދަނާވެ، މަތީ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

''މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ޤައުމުގެ ތަރައްޤީގެ ދުވެއްޔާއެކު ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުން، މި މަސައްކަތްތަކަށް އަހަރުން އަހަރަށް، ޔަޤީންކަމާއެކުގައި ލިބޭ ބަޖެޓް ނެތުމެވެ. އެހެންކަމުން، މި މަސައްކަތަށް، ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ، މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކުރުމަށް އަޅުގަނޑު ވާނީ މިއަދު ނިންމާފައި'' ރައީސް ވިދާޅުވެފަވެއެވެ.

މި ފައިސާ ޚަރަދުކުރާނެ މައިގަނޑު ދާއިރާތައް:

  • ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ބެލެހެއްޓުމާއި މަރާމާތުކުރުން.
  • ތިމާވެށީގެ ދިރާސާތައް ކުރުމާއި މައުލޫމާތު އާންމުކުރުން.
  • ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުން.
  • މަދަނީ ޖަމްޢިއްޔާތަކާއި ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
  • ކޮންސަވޭޝަން މަސައްކަތުގެ ތެރެއިން މަންފާ ހޯދޭނެ މަގުތައް ފަހިކުރުން.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކުގެ މަތީގައި ސާބިތުވެ ތިބުމަކީ ޤައުމުގެ ތަހުޒީބާއި ތަމައްދުނާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މި އާ ބަދަލާއެކު، ދުރުރާސްތާގެ މަޝްރޫޢުތައް ތަންފީޒުކުރުމަށް މަގު ފަހިވެ، އޭގެ ފައިދާ މުސްތަޤުބަލުގެ ޖީލުތަކަށް ދެމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.