ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، އެ ސިޓީގެ ގެއެއްގެ ބައެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި އަމުރު ނެރެފައިވަނީ ޏ. ފުވައްމުލައް، ފުނާޑު. ގުލިސްތާނުގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމަށް ހަދާފައިވާ ބައި ބަންދުކުރުމަށެވެ. އެ ތަނަކީ މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، އަދި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ކަމަށް ތުހުމަތު ކުރެވެއެވެ.

Ad
rt

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގައިވާ ގޮތުން، 2026 މެއި 27 ވަނަ ދުވަހުން ފެށިގެން 85 ދުވަހުގެ މުއްދަތަށް އެ ތަން ބަންދުކުރަން ޖެހެއެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.

ކޯޓު އަމުރުގެ ދަށުން ބަންދުކުރާ މިފަދަ ތަންތަނަށް، އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. ފުލުހުން ވިދާޅުވި ގޮތުގައި، ހުއްދައާ ނުލައި އެފަދަ ތަންތަނަށް ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، މިފަދަ ތަންތަން ބަންދުކުރުމުގެ ބާރު ކޯޓުތަކަށް ލިބިފައިވަނީ 2026 މާރިޗު 7 އިން ފެށިގެންނެވެ. މި ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑްރަގް ކެފޭއެއް ބަންދުކުރަން އަމުރު ނެރުނީ މިމަހުގެ ކުރީކޮޅު ކްރިމިނަލް ކޯޓުންނެވެ. އެއީ މާލޭގެ ހ. ގުންޒަރު 90 ދުވަހަށް ބަންދުކުރުމަށެވެ.

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ އިތުރު ތަންތަން ހޯދައި ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ 5 އަހަރުގެ ޖަލު ހުކުމަކާއި 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކުށެކެވެ. މީގެ އިތުރުން، އަމިއްލަ ތަނެއްގައި މިފަދަ ކަމެއް ހިނގާކަން އެނގިހުރެ އެކަން ހުއްދަކުރުމަކީވެސް އެ ތަނެއްގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފައިގެން އުޅޭ ފަރާތް ކުށްވެރިވާނެ ކަމެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.